ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މީޙުންނަށް ވަދެވޭނީ 8 މަސް ފަހުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މީހުންނަށް ވަދެޥޭނީ 8 މަސް ދުވަސް ފަހުން ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ހިޔާ މަޝްރޫއުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ފްލެޓްގައި ޓައިލްސް ޖަހަން ހިމެނިފައި ނުވާ ކަމަށާއި ކޮންޓްރެކްޓްގައި ވަނީ ފްލެޓްތަކުގައި ތަޅުން އަޅާ ގޮތަށް ކަމަށެވެ. ހަމައެއާއެކު އެ ކޮންޓްރެކްޓްގައި ފްލެޓްތަކުގައި އިންޓީރިއާ ދޮރުތައް ނުހިމެނޭ ކަމަށާއި ފަންކާ އަދި ލައިޓްސް ވެސް ނުހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމަން ކުރީގެ ސަރުކާރުން އެއްބަސްވެފައިވާ ފްލެޓްތައް ކުރިން ވެސް ހަމަޖައްސާފައި އޮތީ ފިނިޝިންއާ ނުލައި ފްލެޓްތައް ހަވާލުކުރާ ގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ދެ ވަނަ ފޭހަށް ދާއިމީ ކަރަންޓާއި ފެނުގެ ހިދުމަތަށް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ މަސައްކަތަށް ވެސް 8 މަސް ނަގާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ދެ ވަނަ ފިޔަވަހީގައި އަޅާ 25 ބުރީގެ 16 ޓަވަރުގެ ގްރައުންޑް ފްލޯ ވިޔަފާރި ބޭނުންތަކަށް ހާއްސަކުރުމުން ފްލެޓްތަކުގެ ޖުމްލައަކީ މިހާރު 6،720 އެވެ. މިތަންތަން ހަވާލު ކުރަން ނިންމާފައި ވަނީ ފިނިޝިން ނުލައެވެ. އަދި މި ފްލެޓްތަކުގެ ތެރޭގައި މުޅިންވެސް ހިމެނެނީ 2 ކޮތަރީގެ ފްލެޓްތަކެވެ.