"ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" މި ނަމުގައި ޖެންޑާ މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު އިބްރާހީމް މުހައްމަދު ލިޔުއްވާފައިވާ ފޮތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނެރުއްވައި ދެއްވައިފިއެވެ.

އިބްރާހީމް އަކީ މީޑިއާގައި 13 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސީއެޝަންގެ އެގްޒެކެޓިވް ބޯޑުގައި ވެސް ހިމެނުނު މެންބަރެކެވެ.

އެ ފޮތުގައި ސިޔާސީ ދާއިރާގައި ހަބަރާއި މައުލޫމާތު ހޯދާނެ ގޮތްތަކާއި އަދި އެ މައުލޫމާތުން ހޯދިދާނެ ފައިދާތަކާއި ދެވިދާނެ ގެއްލުންތަކާއި ސަރުކާރެއްގައި ހަބަރާއި މީޑިއާގެ މުހިއްމުކަމުގެ މިންވަރު ބަޔާންކޮށްފައި ވެއެވެ. އަދި މީޑިއާއަކީ ކާމިޔާބު ކަމާ އެކުގައި ސަރުކާރެއް ހިންގުމަށް ކިހާ މުހިއްމު ދާއިރާއެއްކަން ވެސް އެ ފޮތުގައި ބަޔާންކޮށްފައި ވެއެވެ.

އެ ފޮތުގައި މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން ވެރިކަން ހޯއްދެވުމަށް މީޑިއާ ބޭނުން ކުރައްވައި ފައިވާ ގޮތާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު މީޑިއާ ބޭނުން ކުރެއްވި ގޮތް ވެސް ލިޔުއްވައިފައި ވެއެވެ.

164 ސަފުހާގެ މި ފޮތުގައި 18 ޗެޕްޓަރު ހިމެނެއެވެ.

"މި ފޮތް ހުށަހަޅައިދިނުމުގައި އިސްކަންދީފައި ވާނީ ބައިނަލްއަގުވާމީ ދުނިޔެއާއި ދިވެހިރާއްޖޭގައި ފަހުގެ ތާރީހުތަކުގައި ހިނގައިފައިވާ މުހިންމު ހާދިސާތަކާއި، ފާހަގަކުރެވޭ އެކިއެކި ޝަހުސިއްޔަތުތަކުން މިސާލު ނަގައިގެން ވަކި ފަރާތަކަށް ބުރަވުމެއް ނެތިއެވެ،"
އިބްރާހިމް

އިބްރާހީމް ވަނީ ހެރިއޮޓް ވޮޓް ޔުނިވާސިޓީގެ ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވައިފައެވެ. އޭނާ ވަނީ ރާއްޖެއިން ބޭރުގައި މީޑިއާގެ ދާއިރާއިން ތައުލީމާއި ތަމްރީނު ހޯއްދަވައިފައެވެ. އޭގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ނޫސްވެރިކަމާ ގުޅޭ ޖަމާއަތްތަކުގައި ހަރަކާތްތެރިވެފައެވެ.