ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެ އެތަނުގެ 32 ފަރާތެއް ކަރަންޓިން ކޮށްފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކަރަންތީން ކޮށްފައިވަނީ 11 މުވައްޒަފުންނާއި އެތަނުގައި ތިބި 21 ކުޑަކުދިން ކަމަށެވެ. ފިޔަވަތިން ފެނިފައިވާ މި ކޭސް އަކީ އައިޖީއެމްއެޗްގެ ކޭސްއާ ގުޅުން ހުރި ކޭސްއެއް ކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އެމީހާ އަކީ އައިޖީއެމްއެޗްގައި އޮތް ބަލިމީހެއްގެ އާއިލާ މީހެކެވެ.

މިއަދާ ހަމައަށް އައި އިރު އައިޖީއެމްއެޗުން ވަނީ 15 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ 6 ސްޓާފުންނާއި 7 ބަލި މީހުންނާއި 2 އެހީތެރިންނެވެ. އަދި އައިޖީއެމްއެޗް ކޭސްއާ ގުލީގެން މިއަދު މެންދުރާ ހަމައަށް 308 ސާމްޕަލް ޓެސްޓު ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ އިތުރުން ޓްރީޓޮޕް ގެ މުވައްޒަފެއްގެ ވަނީ ޕޮޒިޓިވްވެފައި ކަމަށް ޑރ. ނަޒްލާ މިރޭ ވިދާޅުވިއެވެ.

މިއަދު ކޮވިޑަށް 33 މީހުން ޕޮޒިޓިވްވެ 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި 33 މީހުންނާއެކު ޖުމްލަ އަދަދު ވަނީ 2468 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހަކާއި އިންޑިއާގެ 3 މީހެކެވެ.