ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ލިބިފައި އޮތް ތަންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވެހިކަން ހަމަނުޖެހޭ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ލިޔެކިޔުންތަށް ހުށަހަޅާ މުއްދަތު މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ނިންމާފައި ކަމަށެވެ. އެހެންކަމުން ލިޔެ ކިޔުންތައް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރިހަކީ މި ހަފްތާގެ ބުރާސްފަތިި ދުވަހެވެ.

ހައުސިން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ނެރުނު އިއުލާންގެ ދަށުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވެހިކަން ހަމަނުޖެހޭ ފަރާތްތަކުން އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް އިއުލާންކޮށްފައި ވެއެވެ.

ނަމަވެސް، ކޮވިޑް19 ފެތުރެން ފެށުމުން ސަރުކާރުގެ އޮފީސްތައް މިދިޔަ މާޗްމަހުގެ 19 ވަނަ ދުވަހުން ފެށިގެން ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން އެ މިނިސްޓްރީން މާޗް މަހުގެ 24 ވަނަ ދުވަހު ވަނީ ލިޔެ ކިއުންތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ މުއްދަތު އިއުލާން ކޮށްފައެވެ. އެ އިއުލާންގައި ބުނެފައި ވަނީ ސަރުކާރު ހުޅުވާ ތާރީހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ހުށަހެޅުމަށެވެ.

އެހެން ބުނެފައި ވަނިކޮށް ސަރުކާރު އޮފީސްތައް ހުޅުވުމުގެ ކުރިން ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލާ އެ މިނިސްޓްރީގެ މަސައްކަތްތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.