ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި، ބިދޭސީންތަކެއް ލައްވާ މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ރިޒް ކުންފުނީގެ ވެރިޔާ، ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ އެކައުންޓްތައް ފްރީޒްކޮށްގެން ނަމަވެސް މުވައްޒަފުންނަށް ދޭން ޖެހޭ މުސާރައިގެ ފައިސާ ސަރުކާރުން ދިނުމަށް ނަވާނަވައިން ގޮވާލައިފިއެވެ.

ނަވާނަވައިން ކަންބޮޑުވުން ފާޅުކޮށް ނެރެނު ބަޔާނެއްގައި ބުނީ، ބިދޭސީންނަށް އުޖޫރަ ނުދީ އިންސާނީ ހައްގުތައް އަރައިގަނެ މިނިވަންކަން ނަގާލުމަކީ އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމަށް ވެސް އަސަރުތައް ކުރާނެ ކަމެއް ކަމަށާއި ބިދޭސީންތަކަކަށް އެ ހާލު ޖެއްސި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ.

އަލީ ރިޒާގެ އެކައުންޓްތައް ވެސް ފްރީޒްކޮށް އޭނާގެ މުދާ ދައުލަތަށް ނަގައިގެން ނަމަވެސް މުސާރަތައް ދޭން ޖެހޭ ކަމަށާއި އެއަށްފަހު އޭނާއަށް ދައުވާކުރަން ޖެހޭ ކަމަށްވެސް ނަވާނަވައިން ވަނީ ގޮވާލާފައެވެ.

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވަނީ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނާއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގައި ރިޒް ކުންފުނިން އެކަމުގެ ޒިންމާ އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގައެވެ. ފުރަތަމަ މެންބަރު ރިޒާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މުސާރަ ނުދެވުނީ ކަމަށެވެ. ނަމަވެސް ފަހުން އެ މީހުންނަށް މުސާރަ ނުދެވުނީ ސީލް އިން ޕޭމަންޓްތައް ނުދީގެން ކަމަށް ބުނެފައި ވާއިރު ސީލް މޯލްޑިވްސްގެ ވަކީލުން ބުނެފައި ވަނީ އެއީ ދޮގެއް ކަަމަށެވެ. ރިޒް މޯލްޑިވްސް އަށް ދޭން ޖެހޭ ފައިސާއަށްވުރެ އިތުރަށް ވެސް ފައިސާ ދީފައިވާނެ ކަމަށެވެ.

ބޮޑުފިނޮޅުގައި ހިނގި ހަމަނެޖެހުންތައް ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ކޮންޓްރޯލްކޯށް އެ ރަށުގައި ހިފަހައްޓާފައި ތިބި ދިވެހިން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންނަށްވެސް ވަނީ އަނިޔާވެފައެވެ. ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކޮށް، އެމީހުންގެ ބަންދައް 15 ދުވަސް ދީފައިވާއިރު، އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރެއެވެ.