ވޯކް ވީޒާ ފީގެ ޖޫރިމަނާ ފައިސާ އާއި ނުލައި ވިސާ ފީ ދެއްކުމަށް ދެވިފައިވާ މުއްދަތު މި މަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، ވޯކް ވިސާ ފީ ދެއްކުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ދިނުމުގެ ގޮތުން، ޖޫރިމަނާ ފައިސާއާ ނުލައި ވިސާ ފީ ދެއްކުމަށް ދެވިފައިވާ މުއްދަތު މި މަހުގެ 15 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ. ހަމައެއާއެކު ވޯކް ވިސާ ފީ ފިޔަވައި އެހެނިހެން ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ، މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ޓޫރިސްޓް ވިސާ އަދި ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން އެއާޕޯޓުގެ އޮޕަރޭޝަންތައް ގަވާއިދުން ފެށުމުން ރާއްޖެއިން ފުރައިގެން ދިއުމަށްއެދޭ ފަރާތްތައް ވިސާ އައުކުރުމަށް ހުށަހަޅަން ނުޖެހޭނެ ކަމަށް އިމިގްރޭޗަނުން ބުނެއެވެ. އަދި އެ ފަރާތްތަކުން އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ ފޯމު ފުރިހަމަ ކުރުމަށްފަހު އެއާޕޯޓަށް ފުރަން ދިއުމުން،ފުރޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ނަމަވެސް މިދިޔަ މާޗް މަހުގެ 19 ގެ ކުރީގެ ތާރީހަކަށް ވިސާ ހަމަވެފައިވާ ފަރާތްތަކާއި، މިހާރު ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން، ވިސާ އާކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް [email protected] އަށް އީމެއިލް ކުރުމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެ އެޕްލިކޭޝަންތަކުގައި ވިސާ ޖެހުމަށްޓަކައި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓްމަންޓު ހަމަޖެއްސުމަށްފަހު، އެޕޮއިންޓްމަންޓުގެ މައުލޫމާތު އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

މީގެ އިތުރުން އެކަށީގެންވާ ސަބަބަކާ ހުރެ ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަނޭޅޭ ފަރާތެއް ވާނަމަ އެ ފަރާތެއް ފުރައިގެން ދިއުމަށް ބޭނުންވއްޖެ ހިނދެއްގައި، އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ ފޯމު ހުށަހަޅުއްވައިގެން ފުރޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެ ގޮތަށް ފުރޭނެ އެންމެ ފަހު ތާރީހަކީ އަންނަ އޯގަސްޓް މަހުގެ 31 ވަނަ ދުވަސް ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ވޯކް ވިސާގެ ކަންކަމުގައި 9199153 ނަންބަރަށް، އެހެނިހެން ވިސާއާ ގުޅޭގޮތުން 9199157 ނަންބަރަށް އަދި އެއާޕޯޓް އިމިގްރޭޝަން އޮފީހަށް ގުޅާނަމަ 9555222 ނަންބަރަށް ގުޅުމަށް އިމިގްރޭޝަނުން ބުނެއެވެ.