ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 10 އަކަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 11:45 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައިި އެޑްމިޓްކޮށްފައި ވަނިކޮށް 92 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. މިއީ މި ހަފްތާގައި ކޮވިޑް-19ގައި މަރުވި ދެވަނަ މީހާއެވެ.
އެޗްޕީއޭން މިހެން ބުނެފައިވާއިރު މިދިޔަ މަހު 29 ވަނަ ދުވަހު ހަވީރު، ކޮވިޑް ޖެހި ހާލު ބޮޑު ވެފައިވާ 3 މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަަދަލު ކޮށްފައެވެ. އެޗްޕީއޭއިން ބުނީ އެ 3 މީހުންނަކީ ޓްރީޓޮޕްގައި ފަރުވާ ހޯދަމުން ދިޔަ 3 މީހުން ކަމަށެވެ. އެ 3 މީހުންގެ ހާލު ކްރިޓިކަލް ކަމަށާއި ފަރުވާ ދެމުން ދަނީ ވެންޓިލޭޓުގައި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެމީހުންގެ ހާލަތު ގާތުން ބަލަމުން ދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އެ ތިން މީހުންގެ ތެރެއިން މިހާރު 2 މީހަކު ވަނީ މަރުވެފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 9 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އަދި މިދިޔަ މަހު 30ގައި މަރުވި 43 އަހަރުގެ ފިލިޕީންސް ފިރިހެން މީހާގެ އިތުރުން ރޭ މަރުވި 92 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޖުމްލަ 2382 މީހުން ޕޮޒިޓިވްވެފައިވާއިރު، 1954 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 414 މީހެކެވެ.