ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު މިއަދުގެ މަގްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރާއިރު އެއްވެސް މީހަކު ނަމާދު ނިންމުމަށްފަހު މިސްކިތްތަކުގައި މަޑު ނުކުރުމަށް އެދިއްޖެއެވެ.

ޖަމާއަތަށް ދާ މީހުން ސަމާލުކަންދޭން ޖެހޭ ކަންތައްތައް އިސްލާމިކް މިނިސްޓްރީން ބުނީ ގެއިން ވުޟޫކޮށްގެން ދިޔުމަށާއި، މުސައްލަ ގެންދިޔުމާއި، އެމީހެއްގެ މުސައްލަމަތީ ނޫނީ ނަމާދު ނުކުރުމަށެވެ.

މީގެއިތުރުން މާސްކް އެޅުމާއި، މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެެއްޓުމާއި ބަލި މީހުން މިސްކިތަށް ނުދިއުމުގެ އިތުރުން ނަމާދު ނިމުމުން މިސްކިތުގައި މަޑު ނުކުރުމާއި މިސްކިތުގެ ހަތިމްތައް ބޭނުން ނުކުރުން ހިމެނެއެވެ.

އިމާމުން ސަމާލުވާންވީ ކަންކަމުގެ ތެރޭގައި ބަންގިއަށްފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުމާއި އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުމާއި ހުރިހާ ނަމާދެއްގައި ވެސް ސޫރަތުލް ފާތިހާ ފިޔަވައި ލުހާ ސޫރަތުން ތިރީގެ ސޫރަތްތައް ކިޔެވުން ހިމެނެއެވެ.

ސިޓީ ކައުންސިލުން ސަމާލުކަން ދޭން ވީ ކަންކަމުގެ ތެރޭގައި ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުމާއި، ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ކޮންމެހެން ބޭނުންކުރަން ޖެހިއްހެ ހާލަތެއް ނޫނީ އެއާކޯން ބޭނުން ނުކުރުމާއި، އެއާކޯން ބޭނުން ކުރާނަމަ، ދޭތެރޭ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނެ ގޮތް ހެދުން ހިމެނެއެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތް ތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ. ނަމަވެސް ފަހުން މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން އޭޕްރީލް 19 ވަނަ ދުވަހު ނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ފަހުން ވަނީ ކޮވިޑް-19 ގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލައި އެރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފައެވެ.