ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ފިހާރައަކާއި ރެސްޓޯރަންޓަކާއި އަދި ޖިމެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ އާ އިމާރާތުގެ ގިނަ ތަންތަން ހިންގާނީ މަޖިލީހުގެ ސޯޝަލް ކްލަބުން ކަމަށެވެ. އެމަނިކުފާނު ވަނީ މަޖިލީހުގައި ހުޅުވާ ރެސްޓޯރަންޓް، އާ އިމާރާތުގެ ޓެރަހުގައި ގާއިމް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދާއިރާގެ ރައްޔިތުންނާއި ވެސް ރެސްޓޯރަންޓުގައި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. މި ތަންތަނުގެ އިތުރުން އާ އިމާރާތުގައި މެންބަރުންނަށް ކިއުބިކަލްތަކެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށާއި އެތަންތަނުގައި މެންބަރުންގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ސޯޝަލް ކްލަބުގައި މަޖިލީހުގެ އިދާރީ މުވައްޒަފުން ތިއްބެވި ނަމަވެސް މެންބަރުންނަށްވެސް އެ ކްލަބުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތުގައި ގާއިމްކުރާނެ ތަންތަނާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަހަދެއްކެވިއިރު އެތަނުގެ ބިންގާ އަޅާ މަސައްކަތް ފެށީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެތަނުގެ މަސައްކަތް ނިންމާ މަޖިލީހާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.