ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައި ވާ ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ބުނީ، މިހާތަނަށް ފަސް ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިިވާ ކަމަށާއި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު އިއުލާނު ކުރާނެ ކަމަށެވެ.
ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓުންނާއި، އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ.
އެއީ ލ. މާވަށު ކައުންސިލްގެ ރައީސްކަމަށް އަމިއްލަގޮތުން ކުރިމަތިލީ ކެންޑިޑޭޓް، އަބްދުލްމަޖީދު މާހިރު، އެންދެރިމާގެ / ލ.މާވަށް (ކެންޑިޑޭޓު ނަންބަރު 5) އާއި ށ. މަރޮށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައި ވާ ދެ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލީ ކެންޑިޑޭޓު، ނަސްފާ މުހައްމަދު ސައީދު، ދުންފިނިގެ / ށ.މަރޮށި (ކެންޑިޑޭޓް ނަމްބަރު 8) އާއި ގއ. ކޮނޑޭ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލީ ކެންޑިޑޭޓު، ފާތިމަތު ސާއިގާ ހާލިދު، ދޯދި / ގއ. ކޮނޑޭ (ކެންޑިޑޭޓް ނަންބަރު 9) އެވެ.
މީގެ އިތުރުން އއ. ބޮޑޮފޮޅުދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލީ ކެންޑިޑޭޓު، ހަސަން ނާފިއު، ދެތަޑިމާގެ / އއ. ބޮޑުފޮޅުދޫ (ކެންޑިޑޭޓް ނަމްބަރު 8) އާއި ނ. މާޅެންދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލީ ކެންޑިޑޭޓު، މުހައްމަދު ރަޝީދު، ރިސާދު / ނ.މާޅެންދޫ (ކެންޑިޑޭޓު ނަންބަރު 10) ހިމެނެއެވެ.
ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި ނަމަވެސް، އެ ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ކަމުގައި ބަލާނީ، ކޮމިޝަނުން ފޯމުގެ ސައްހަކަން ކަށަވަރުކޮށް، އެ ހުށަހެޅުން ގަބޫލުކުރުމުންނެވެ. ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ނަމަވެސް، އެ ކެންޑިޑޭޓު ކުރިމަތިލައިފައިވާ ކައުންސިލް ނުވަތަ ދާއިރާގެ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރުތަކަށް ބަދަލު ނާންނާނެ ކަމަށް އުސޫލުގައިވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
މި އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރުމާ ގުލީގެން ލޯކަލް ކައުންސިލް އިންތިހާބު ވަނީ ފަސްކޮށްފައެވެ. ނަމަވެސް ފަސްކޮށްފައިވާ އިންތިހާބު ބާއްވާނެ ތަރީހެއް އަދި ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.