ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު ވިދާޅުވީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ އިތުރުުން، އެންއައިސީ އަދި އެޗްއާރްސީއެމުން ވެސް އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ހުވާކޮށްގެން ހުރި ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭނީ ވަކި ފަރާތަކަށް ބުރަނުވެ އަމިއްލައަށް، އަމިއްލަ ޒިންމާ އަދާ ކުރުމަށް ކަމަށް އަބަދުވެސް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ޒިންމާތައް ކަނޑައާޅާނީ ގާނޫނުން ކަމަށާއި، އަދި ތަންފީޒު ކުރަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ސަފާރީ ކޭސްގެ ތަހުގީގުގެ ނަތީޖާއަށް އިންތިޒާރު ކުރައްވަމުންދާ ކަމަށެވެ.

ސީޕީ މިހެން ވިދާޅުވެފައިވާއިރު، ސަފާރީ ކޭސްއާ ގުޅިގެން ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ރޭޕާއި ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާގައި ފުލުހުންގެ ޒިންމާ އަދާ ކުރުމަށް ވަނީ ގޮވާލަފައެވެ.

މި މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އަޑުއުފުލަމުން ދަނީ، އެ މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރި ދެމީހަކު ހައްޔަރުގައި ބަހައްޓާނެ ބޭނުމެއް ނުފެންނަ ކަމަށް ބުނެ ދޫކޮށްލުމާ ގުޅިގެންނެވެ. އަދި މި ދެމީހުން ދޫކޮށްލާފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށް ބުނެ ގިނަ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.