އައްޑުއަށް އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރޭ އެމްއެންޑީއެފާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއއްގައި ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެ ކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އަތުލައިގެންފައި ވަނީ 5.5 ކިލޯގެ ހީރޮއިން ކަމަށެވެ.
ސީޕީ ވިދާޅުވީ، މި އޮޕަރޭޝަނުގައި ފުލުހުންގެ އިންޓެލިޖެންސާއި އައްޑޫގެ އޮޕަރޭޝަން ޓީމުތައް އަދި އެމްއެންޑީއެފުން ބައިވެރިވެފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ، ގދ. ތިނަދޫއިން ސްޕީޑް ބޯޓެއްގައި ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ މިހެން ވިދާޅުވެފައިވާއިރު، ފުލުހން ދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، މިމަހު 15 ވަނަ ދުވަހު، ފުލުހުން ވަނީ ހުޅުމާލެއިން، 5.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައި، 3 މީހަކު ހައްޔަރު ކޮށްފައެވެ. އޭރު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 6.8 ކިލޯ ހުރި ކަމަށާއި، އެއީ ކެނަބިސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި ފަސޭހައިން އެތެރެ ވެ، އެތަކެތި އެއްރަށުން އަނެއް ރަށާ ހަމައަށް ފަސޭހަ ކަމާއެކު ފޯރަމުން ދާ ކަން ފާހަގަ ކުރެވެއެވެ. ސަރުކާރުގެ މުއައްސަސާތަކާއި ފުލުހާއި، ކަސްޓަމާއި އެމްޕީއެއް ފަދަ ފާރަވެރި މުއައްސަސާތަކުން ފާރަލަމުން ދާއިރުވެސް ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެ ކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ.
މަސްތުވާތަކެތިން ގައުމު ސަލާމަތްކުރަން އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ އެތަކެތި ރާއްޖެ އަށް ވަންނަ ދޮރުތައް ބަންދުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ދޮރުތައް ބަންދު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރާ ކަމަށް ޑިސެމްބަރު 14، 2019 ގައި ރައީސް ވިދާޅުވިއެވެ.