ރަށްރަށުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން 22 ބީދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމުގެ ގޮތުންނާއި ރަށްރަށުގެ އިޖުތިމާއީ ވެއޓަށް ގެއްލުން ލިބޭ ގޮތަށް އުޅޭމުންދާ ބިދޭސީން މަދުކުރުމަށްޓަކައި އިމިގްރޭޝަނާއި، ޕޮލިހުންނާއި އަދި ރަށު ކައުންސިލްތަކުން ގުޅިގެން ވަނީ ޕްރޮގްރާމެއް ފަށާފައި ކަމަށެވެ. އެ ގޮތުން ކ.ހިންމަފުށި، އދ. ދަނގެތި އަދި އދ. މާމިގިލިން ޖުމްލަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް 'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. މިހާތަނަށް އައި އިރު 10،000 އެއްހާ ބިދޭސީން ރަޖިސްޓްރީކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ އިރު އަދިވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދޮޅު ލައްކައަށް އަރާނެ ކަމަށާއި، ސީދާ އަދަދު އެނގިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވެފައި ވާއިރު، މި އަދަދުގެ ދެބައިކުޅަ އެއްބަޔަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކައެވެ. މިހާތަނަށް އައި އިރު އިންސާނީ ވަގުފާރިއަށް މަގުފަހިވާ ގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގައި އަތޮޅުތެރޭ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ބެލުމަށް މިނިސްޓްރީން ޓީމެއް ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެފަދަ ބިދޭސީން ރަޖިސްޓްރީ ކޮށް ނިމޭނެ ވަކި ދުވަހެއް އެނގޭނީ އެ ރަށްރަށުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެނގުމުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން އޭރު މައުލޫމާތު ދީފައި ވެއެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކޮށްފައިވާ އަދަދު ވަރަށް އަވަހަށް އެ މިނިސްޓްރީން ބާއްވާ ޕްރެސް ރިލީސެއްގައި އަންގާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއިން ކޮވިޑް ފެންނަން ފެށުމާއެކު މި މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ. އަދި ކޮވިޑް ފެތުރުން އިތުރުވުމާއެކު ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭށސީން ފޮނުވާލާފައެވެ.