ނޭޕާލްގައި މިހާރު އޮތް ސަރުކާރު ވައްޓާލަން އިންޑިއާއިން ބޭނުންވާ ކަމަށް ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ ތުހުމަތު ކުރައްވައިފިއެވެ.

އޯލީ ވަނީ، މިހާރު އިންޑިއާގެ ދަށުގައިވާ ސަރަހައްދުތަކެއް ކަމަށްވާ ކަލްޕާނީ، ލިޕޫލޭކް އަދި ލިމްޕިޔަދޫރާއަކީ ނޭޕާލްގެ ސަރަހައްދުތަކެއްގެ ގޮތުގައި، ނޭޕާލްގެ އާ ޗާޓުގައި ހިމަނުއްވާފައެވެ.

ނޭޕާލްގެ ޗާޓު އާންމުކޮށް، ގާނޫނު އަސާސީގައި އެ ޗާޓު ހިމެނިކަމަށްޓަކައި ނޭޕާލްގެ ސަރުކާރު ވައްޓާލަން އުޅުމަކީ އެއްވެސް ބަޔަކު ހުވަފެނަކުންވެސް ދެކިގެންވާނެ ކަމެއް ނޫން ކަމަށާ، އެއީ އެކަމެއް ކުރުމަށް ވިސްނައިގެންވެސް ވާނެ ކަމެއް ނޫން ކަމަށް އޯލީ ވަނީ ވިދާޅުވެފައެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށް ދިޔަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން އޯލީ ވަނީ އިންޑިއާގެ މީޑިއާއިން ދައްކަމުންދާ ވާހަކަތައް އަޑުއެހުމަށް ގޮވާލައްވާފައެވެ. ހޮޓާތަކުގެ އިތުރުން، ކަތަމަންޑޫގައި ހުންނަ އިންޑިއާ މިޝަންގައި ހިންގާ ހަރަކާތްތައް ވަރުގަދަ ކޮށްފައި އޮތް އޮތުމުންވެސް މިކަމަށް އިޝާރާތް ކުރާކަމަށް އޯލީ ވަނީ ތުހުމަތު ކުރައްވާފައެވެ.

ނޭޕާލްގައި މިހާރު އޮތް ސަރުކާރު ވައްޓާލަން އުޅުމަކީ 'އަވާމެންދުރެއް' ކަމުގައި ސިފަކުރައްވަމުން އޯލީ ވަނީ، ޗައިނާއާއިއެކު ޓްރާންސިޓް އެއްބަސްވުމެއްގައި ސޮއި ކުރި ހިސާބުން ނޭޕާލްގެ ކުރީގެ ސަރުކާރު ވައްޓާލި ގޮތަށް އިޝާރާތް ކުރައްވާފައެވެ.

މި ދަނޑިވަޅަކީ އެކި ކަންކަމުގައި އޯލީ ފެއިލްވަމުންދާކަމުގެ ވާހަކަތަކަކާ ޕްރެޝަރެއް އޭނާގެ ޕާޓީއާއި މުޅި ގައުމުގެ އެކި ހިސާބުތަކުން ފެންމަތި ކުރަމުންދާ ދަނޑިވަޅެކެވެ. މިފަދަ ބައެއް ކަންކަމުގެ ތެރޭގައި ކޮވިޑް-19ގެ ކާރިސާއަށް އެކަށީގެންވާ އިޖާބައެއް ދެވިފައި ނެތުމުގެ އިތުރުން ކޮރަޕްޝަންގެ ދައުވާތަކެއްވެސް ހިމެނެއެވެ.

އިންޑިއާއާއި ދެކޮޅަށް މިފަދަ ރޫހެއްގައި އޯލީ ވާހަކަފުޅު ދައްކާވާތީ މާޒީގައިވެސް ފެނިފައި އެބަހުއްޓެވެ. އެގޮތުން ނޭޕާލްގައި އުޅޭ ކޮވިޑް-19ގެ ކޭސްތަކަކީވެސް އިންޑިއާއިން އެތެރެވި ކޭސްތަކެއް ކަމަށް އޯލީ ވަނީ ވިދާޅުވެފައެވެ.