މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ކްލަސްޓާއަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޗައިނާގެ ވެރިރަށް ބެއިޖީންގްއާއި ކައިރި ހިސާބުތަކުން ގާތްގަނޑަކަށް ބައި މިލިއަނެއްހާ މީހުން ލޮކްޑައުން ކޮށްފިއެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނީ، އަލަށް ފެނުނު ކްލަސްޓާއާއި ގުޅިގެން 'ހިނދެމިލަން' އަދި މާ އަވަސް ކަމަށެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ހޫބޭ ޕްރޮވިންސުން ފުރަތަމަ ފަހަރަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަން ފެށި ފަހުން، މުޅި ދުނިޔެ އެ ބަލިމަޑުކަމުގައި އިނދަޖައްސާލިއެވެ. އޭގެ ފަހުން، ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ޗައިނާއިން ކާމިޔާބީތަކެއް ހޯދިތަން ފެނުނުތާ މާ ގިނަ ދުވަހެއް ނުވެ، ވެރިރަށް ބެއިޖީންގް އިން އާ ކްލަސްޓާއެއް ފެނުނެވެ. އަދި އަވަށްޓެރި ހެއިބޭއި ޕްރޮވިންސުންވެސް ކޭސްތައް ވަނީ ފެންނަން ފަށާފައެވެ.

ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވީ ބެއިޖީންގްގެ ބޭރުން 150 ކިލޯމީޓަރެއްހާ ދުރުގައި އޮންނަ އޭންޝިން ކައުންޓީ ލޮކްޑައުން ކޮށްފައިވާ ކަމަށާ، އެ ސަރަހައްދުގައި ތަންފީޒު ކުރަމުންދަނީ ވޫހާން ސިޓީގައި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުން ދިޔަ ފަދަ ހަރުކަށި ފިޔަވަޅުތަކެއް ކަމަށެވެ.

ބެއިޖީންގްގެ ހާލަތަށް ބަލާއިރު، ޓެސްޓު ކުރުމުގެ މަސައްކަތުގެ ދުވެލި އަދިވެސް ދަނީ ފުޅާކޮށް، ހަލުވި ކުރަމުންނެވެ. އެގޮތުން ބެއިޖީންގްގެ އާބާދީގެ 3 ބައިކުޅަ 1 ބައި ހާ މީހުންގެ ސާމްޕަލް ނަގާ، ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.