ކޮވިޑް19 ގެ ސަބަބުން ބަންދު ކޮށްފައިވާ ރާއްޖޭގެ މައި ވައިގެ ބަނދަރު ނިއު ނޯމަލް ނުވަތަ އާ އާއްމު ހާލަތުގައި އަންނަ މަހު ހުޅުވަން ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމެޓީގެ މެންބަރުން އެއާޕޯޓަށް ވަޑައިގެންފިއެވެ.
މިދިޔަ ހަފްތާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިން އެސްއޯއީ ކޮމެޓީއަށް ހާޒިރުކޮށް ކޮވިޑް19 ގެ ސަބަބުން އެއާޕޯޓަށް ލިބުނު ގެއްލުންތަކާއި އަދި އެއާޕޯޓު ނިއު ނޯމަލް އަށް ތައްޔާރުވެފައިވާ މިންވަރާއި ގުޅޭ ގޮތުން ވަނީ ސުވާލުތައް ވެސް ކޮށްފައެވެ.
އެއާޕޯޓަށް މެންބަރުން ވަޑައިގެން ތައްޔާރުވެފައިވާ މިންވަރު ބަލާލުމަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ. އޭނާ ވިދާޅުވީ ކުންފުނިތަކުގެ ވެރިން ވަޑައިގެން ވާހަކަ ދެއްކެވި ނަމަވެސް އެކަން އޮތް ގޮތް މެންބަރުން ހަމަ ލޮލަށް ބަލާލުމަކީ ޒިންމާދާރު ގޮތް ކަމަށެވެ.
ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު، ދުވާލެއްގެ މައްޗަށް އިންޓަނޭޝަނަލް 10 އެއާލައިން އަންނާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އެކުންފުނީގެ ޓާމިނަލް މެނޭޖަރު އިބްރާހީމް ހުސައިން ވިދާޅުވީ ދުވާލެއްގެ މައްޗަށް އިންޓަނޭޝަނަލް 10 އެއާލައިނަކުން ސްލޮޓުތައް ރިޒާވު ކޮށްފައި އޮތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ 10 އެއާލައިންގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނައިން މީގެކުރިންވެސް ފަތުރުވެރިން އުފުލާފައިވާ އެއާލައިންތައް ހިމެނޭ ކަމަށެވެ.
އިބްރާހީމް ހުސައިން ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއާލައިން އިން ދުވާލަކު ތިން ފްލައިޓު އަދި ގަތަރު އެއާވޭސް އިން ދުވާލަކު އެއް ފްލައިޓު ބާއްވަން މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި ޖުލައި 15ވަނަ ދުވަހުން ފެށިގެން އެމިރޭޓްސް އިން ވެސް ދުވާލަކު ފްލައިޓަކާއި އިއްތިހާދުން ހަފްތާއަކު ދެ ފްލައިޓު ބޭއްވުމަށް ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން ހިންކޮންގް އިން ވެސް ހަފްތާއަކު ދެ ފްލައިޓު ބާއްވަން ހުށަހަޅާފައިވާއިރު އިންޑިގޯ އިން ދުވާލަކު ދެ ފްލައޮޓު އެސްކިޔު އިން ދުވާލަކު އެއް ފްލައިޓު އަދި ސިލްކު އެއާލައިން އިން ދުވާލަކު ދެ ފްލައިޓު ބޭއްވުމަށް ހުށަހަޅާފައިވާ ކަމަށް އިބްރާހީމް ހުސައިން ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ޓާކިޝް އިން ހަފްތާއަކު ފަސް ދުވަހު ދުވާލަކު ދެ ފްލައިޓު ބޭއްވުމަށް އެމްއޭސީއެލް އަށް ހުށަހަޅާފައިވާ ކަމަށެވެ.