ނިއު ނޯމަލްގައި މާލޭގެ މަސް މާރުކޭޓު ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓޭންސް އާއި އެކުގައި މަސް މާރުކޭޓު އާއްމުންނަށް ހުޅުވާލުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މަސް މާރުކޭޓަށް ދާއިރު ހުރިހާ ފަރާތްތަކުން ވެސް މާސްކު އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މިހާރު މަސް ގަންނަނީ މަސް މާރުކޭޓުގެ ބެރުގައި ތިބެގެން އޯޑަރުދީގެންނެވެ. ނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސް މާރުކޭޓަށް ވަދެ މަސް ގަނެވޭނެއެވެ.
އާއްމުންނަށް މަސް މާރުކޭޓު ހުޅުވާލި ނަމަވެސް މާރުކޭޓްގެ އެތެރެއަށް ވަދެވޭނީ ވަކި އަދަދެއްގެ މީހުންނަށެވެ. އަދި ކޮންމެ މީހަކުވެސް މާރުކޭތަށް ވަނުމުގެ ކުރިން ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެއެވެ.
މާރުކޭޓްތެރޭގައި މަސް ވިއްކުމުގެ ހިދުމަތް ދެވޭނީ ވެސް ދޯނިތަކުން ސިޓީ ކައުންސިލްގެ ހުއްދަ ނަގައިގެންނެވެ.