ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ވަކާލާތު ކުރަމުން އަންނަ ޗައިނާގެ ވެރިކަން ކުރާ ޗައިނީޒް ކޮމިއުނިސްޓް ޕާޓީގެ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ވިސާ ދޫކުރުން މަޑުޖައްސާލުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު، މައިކް ޕޮމްޕޭއޯ ހާމަ ކުރައްވައިފިއެވެ.

ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ އިސް މަގާމުތަކުގައި ކުރިނާއި މިހާރު ތިއްބެވި މެމްބަރުންނާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅުމަށް އެމެރިކާއިން ނިންމާފައިވަނީ، ހޮންގްކޮންގްގެ މިނިވަންކަމަށް އޮތް ހައްގަށް އުނިކަން ލިބޭ ފަދަ މޭރުމަކުން މި އޮފިޝަލުން މަސައްކަތްކުރައްވާފައި ވާތީ ކަމަށްވެސް ޕޮމްޕޭއޯ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ/ފޮޓޯ: ރޮއިޓާޒް

ހޮންގްކޮންގްގެ މިނިވަންކަމަށް އުނިކަން ލިބެނިވި ގޮތަށް ޗައިނާއިން އަމަލުކުރަމުން ދާ ދިއުމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، މީގެ ކުރިން ވަނީ އިންޒާރު ކުރައްވާފައެވެ.

ޗައިނާއިންވަނީ، ހޮންގްކޮންގްގެ މިނިވަންކަމަށް އުނިކަން ދެނިވި މޭރުމަކުން ފަރުމާކޮށްފައިވާ ގާނޫނެއް އެކުލަވާލާފައެވެ. އަންނަ އާދީއްތަ ދުވަހު އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު، ހޮންގްކޮންގްގައި ޗައިނާގެ މައި ސަރުކާރަށް ލިބިދީފައިވާ ބާރަށް އުނިކަން އަންނަ ފަދަ ގޮތަކަށް އަމަލު ކުރުމަކީވެސް ޖިނާއީ ކުށެއް ކަމުގައި ކަމަށް މި ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގާނޫނާ ގުޅިގެން ހޮންގްކޮންގްގައި ވަރުގަދަ މުޒާހަރާތަކެއްވެސް އަނެއްކާ ވަނީ ފަށާފައެވެ.

ހޮންގްކޮންގް މުޒާހަރާގެ ބައިވެރިން ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ގެއްލުން ދެނީ/ފައިލް ފޮޓޯ: އެސްސީއެމްޕީ

ހޮންގްކޮންގްއާއި ޗައިނާގެ މައި ސަރުކާރުގެ ގުޅުން އަނެއްކާވެސް އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅުގައި ޗައިނާގެ އޮފިޝަލުންތަކަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާއިރު، އެއީ ކޮންކޮން އޮފިޝަލުންނެއް ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މިފަރާތްތަކާއެކު ވިޔަފާރި ކުރާ ބޭންކުތަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ވެގެންދާނެ ކަމުގެ އިންޒާރު، އެމެރިކާއިން ވަނީ ދީފައެވެ.

ޗައިނާއިން ބުނަނީ އެމެރިކާގެ ނިންމުމަކީ "ގޯހެއް" ކަމަށާ، އެމެރިކާގެ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށެވެ. އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ، އެމެރިކާއާއި ފަޅިން ނިންމުންދާ ނުރަނގަޅު ނިންމުންތަކާ ޗައިނާއިން ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. އެމެރިކާއަށް ހެދިފައިވާ ގޯސްތައް އިސްލާހުކޯށް، އެމެރިކާގެ ނިންމުން އަނބުރާ ގެންދިއުމަށާ، ޗައިނާގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް އެމެރިކާއިން ނުވަނުމަށްވެސް ޗައިނާއިންވަނީ ގޮވާލާފައެވެ.

7.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ހޮންގްކޮންގްއަކީ، ޗައިނާގެ ކޮމިއުނިސްޓް މައި ސަރުކާރުގެ ދަށުން ހިންގަމުން އަންނަ، ވަކި، އިދާރީ ދާއިރާއެކެވެ. ނަމަވެސް ހޮންގްކޮންގްގެ ރައްޔިތުން ދަނީ، ޗައިނާގެ މައި ސަރުކާރުގެ ބާރުގެ ދަށުން ވަކިވެ، މިނިވަންކަމާ އިސްތިގުލާލަށް ވަކާލާތު ކުރަމުންނެވެ.