ގޯތި ގެދޮރުގެ ދަތިކަމަކީ އިއްޔެއަކު މިއަދަކު މާލެއަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ރައީސް މައުމޫނު އަބްދުއްގައްޔޫމުގެ ވެރިކަމުން ފެށިގެން މާލެ ސަަރަހައްދުގައި ދައްކަމުން އަންނަ ވާހަކައަކީ އެއީއެވެ.
ތޮއްޖެހިފައިވާ މާލޭގެ ބޯހިޔާވަހި ކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ފެށި 7000 ފްލެޓްގެ މަަޝްރޫއަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު ސޮއިކޮށް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން އެ މަޝްރޫއު ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ހުޅުމާލޭގައި "ފްލެޓްތައް އަޅާ ނިމުނު" ވާހަކަ ވެގެން ދިޔައީ އެތައް ބަޔަކު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމަށް އެޅުނު ބިންގަލަކަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ފްލެޓްތައް ވަނީ ނުދެވިއެވެ. 2019 ވަނަ އަހަރު ހިޔާ ފްލެޓްތަކަށް ކުރިމަތިލީ މީހުންނަށް ހިޔާވަހިކަން ލިބޭނެ ކަމުގެ ލިޔުން އެތައް ބަޔަކަށް ވަނީ ދީފައެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެތަނުން ބޯހިޔާ ކޮށްލެވޭނެ ފުރުސަތު ނުލިބި ހުވަފެންތަކުގައި ކުލަ ޖެހޭނެ ދުވަސް ވަނީ ހަނދާނުން ފޮހެވެން ފަށާފައެވެ.
2018 ވަނަ އަހަރު ބަދަލުވުވި ވެރިކަމާއެކު ފްލެޓްްތައް ލިބޭނެ ކަމަށް އުއްމީދުކުރި ދުވަސްތައް މިހާރު ވަނީ ފަހަނައަޅާ ގޮސްފައެވެ. މި ސަރުކާރުގެ ރާގު ބަދަލުވީ ފްލެޓް ތަކުގެ ސައިޒާ ހިސާބުންނެވެ. އެއީ އިންސާނުން އުޅެން ހެޔޮވާވަރުގެ ތަނެއް ނޫން ކަމަށާއި އެއީ ކޮތަރު ކޮށި ތަކެއް ކަމަށް ވާހަކަ ދެކެވެން ފެށިއެވެ. އެއީ ކުދި އަލިފާން ފޮށި ތަކެއް ކަމަށާއި އިރު އޮއްސޭ ގަޑީގައި ބޭރުން ފޮޓޯ ނަގަން ރީތި ކަމަށް މި ސަރުކާރުން ގަބޫލު ކުރިއެވެ. އެކަމުގެ އެއް ހެއްކެއްގެ ގޮތުގައި ފާހަގަ ވަނީ މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ހިޔާ ފްލެޓުގައި އުޅެން ދާ މީހުންގެ 80 ޕަސެންޓު މީހުން އެތަނުގައި ނޫޅެ ނިކުންނާނެ ކަމަށް ވިދާޅުވި ވާހަކައެވެ.
ރާއްޖޭގައި މިހާތަނަށް ފެންނަން ހުރި އެންމެ އުސް އިމާރާތްތަކެއް އެއްތަނެއްގައި އަޅާފައި ވާ މިއީ ފުރަތަމަ ބިނާތަކެވެ. 16 ޓަވަރު އެއްތަނެއްގައެވެ. ކޮންމެ ޓަވަރަކީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ. ކޮންމެ ފްލޯއެއްގައި، 20 ފްލެޓެވެ. ކޮންމެ ފްލެޓެއްގައި ދެ ކޮޓަރގެ އެޕްޓާމަންޓެވެ. ފިޔަވަހި ތަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ އެ މަޝްރޫއުން ހިޔާވަހިކަން 12 ކެޓަގެރީއެއްގެ މީހުންނަށް ދެއެވެ. އޭގެތެރޭގައި އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދަފްތަރުގައި ހިމެނޭ މީހުންނާއި މާލޭގެ ރައްޔިތުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނައި ސިފައިންނާއި ފުލުހުންނަށްވެސް ވަނީ ފްލެޓް ދޫކުރުމަށް ހުޅުވާލާފައި ވެއެވެ. އަދި ސިވިލް ސާވިސް ގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންވެސް އެ ކެޓަގެރީތަކުގައި ހިމެނިގެން ދެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން، ފެށި މަޝްރޫއުގައި އިމާރާތް ކުރީ 25 ބުރީގެ 16 ޓަވަރު ނަމަވެސް މިހާރު ނިންމާފައިވަނީ ދިރިއުޅެން 24 ބުރި ހެދުމަށް ފަހު، އެންމެ ތިރީގައި 280 ޔުނިޓްގެ މެނޭޖްމަންޓް އޮފީހާއި ފިހާރަ އަދި ސެކިއުރިޓީ ބަލަހައްޓާ ތަނެއް ހެދުމަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ވަނީ ބުނެފައެވެ.
އަދި އެ މަޝްރޫއުގެ ފްލެޓުގެ ޑިޒައިނަށް ބަދަލު ގެންނަންވެސް މި ސަރުކާރުން ވިސްނިއެވެ. އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަަށް މަދުވާނެއެވެ. އެކަމަކު، ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އަދަދު މަދު ނުކުރުމަށެވެ.
ހިޔާ އެޕާޓުމަންޓުތަކުގެ ސައިޒާއި މާލޭގެ އެޕާޓުމަންޓުތަކުގެ ސައިޒު
ހިޔާ އެޕާޓުމަންޓެއްގެ ބޮޑު މިނަކީ ޖުމްލަ 570 އަކަފޫޓެވެ. ސިޓިން ރޫމްގައި 217 އަކަ ފޫޓް ހުންނައިރު، މިއީ މާލޭގައި 12-15 ހާސް ރުފިޔާއަށް ހުންނަ އެޕާޓްމަންޓްތަކާ އަޅާ ބަލާއިރު ހަމަ ދާދި އެއް ސައިޒެކެވެ. މާލޭގެ އެވްރެޖް ސައިޒް ހުރީ އެހާވަރުގައެވެ. އަދި އެއަށް ވުރެ ކުދި 450-500 އަކަފޫޓު ހަމަނުވާ ތަންތާނގައިވެސް 2 ކޮޓަރީގެ އެޕާޓުމަންޓް ހަދާފައި އެބަހުއްޓެވެ. އެތަންތާނގައި 5-6 މީހުން އުޅޭ ތަންތަންވެސް އެބަހުއްޓެވެ. ބަލްކް ބެޑް ބަހައްޓާގައި، އެންމެން ގައި ހިއްކާ ތުވާލިތަކާއި، ލައިފައި ބާލާ އަންނަ އުނާއި، ބޯއަޅަން ގެންގުޅޭ ބާލީސް އެއްތަނެއްގައި ބާއްވައިގެން ދިރިއުޅޭ މީހުން މާލޭގައި އެބަތިއްބެއެވެ.
އެއްޗެހި ދޮންނަން ހުންނަ ދޮންނަ މެޝިންވެސް ކޮޓަރިތެރޭ ކަމެއްގައި ބަހައްޓަން ޖެހިފައި ހުރި ކިތަންމެ އެޕާޓުމަންޓެއް މާލޭގައި އެބަހުއްޓެވެ.
ހިޔާ ފްލެޓުގެ ސިޓިންރޫމާއި ބަދިގެ ހުރީ މާލޭގައިވެސް އާންމުކޮށް ބަދިގެއާ ސިޓިންރޫމް އެއްކޮށް ހުންނަ ގޮތަށެވެ. ނަމަވެސް ހިޔާ ފްލެޓުގެ ބަދިގޭގައި ބަހައްޓާފައި ހުރި ސިންކަށް ބަތްކާން ގެންގުޅޭ 2 ތައްޓަކާއި، 2 ދޯޑެއް ލީމައި ދެން އިތުރު އެއްޗެއް ނުލެވޭނެއެވެ. ބޭރުން ބޭރަށް ސިންކުގައި ހުރީ 1 ފޫޓެވެ. މާލޭގައި ހާލުގައި ހުރި ތަންތާނގައިވެސް 1 ފޫޓުގެ ސިންކެއް މިހާރަކު ބޭނުމެއް ނުކުރެއެވެ.
ހިޔާ ފްލެޓްގެ ސިޓިންގް ރޫމާއި ބަދިގޭގެ ޖާގަ ކުޑަޔަށް އެއީ އެތަން ބޭނުން ވެގެން ވަންނަ މީހުންނަށް ހެޔޮވަރުގެ ސިންކަކަށް ވެދާނެއެވެ. އެ ތަނުގެ ފޮޓޯ އާންމުވުމާއެކު ދެން ފެތުރުނީ ކަބަޑް ސެޓެއް ނެތް ވާހަކައެވެ. އެއީ އުނދަގޫ ވާނެ ކަމެކެވެ. އިތުރު ހަރަދެއްވެސް މެއެވެ. ނަމަވެސް މާލޭގައި އަލަށް ހިފާ އެޕާޓްމަންޓް ތަކުގައިވެސް، ކަބަޑުސެޓް ނެތުން މައްސަލަ އަކަަށް ނުވަންޏާ އެއީ މައްސަލަ އަކަށް ވާންވީ ސަބަބެއްވެސް ނެތެވެ.
ބަދިގެއާ ޖެހިގެން 2 ފޫޓު 2 ފޫޓު ބެލްކަނިކޮޓެއް ހުރެއެވެ. އެއީ އެއްޗެހި ދޮވެ ހިއްކަން އަޅަން ބޭނުން ކުރެވޭ ގޮތަށް ހުރި ތަނަކަށް ވާއިރު މާލޭގައި ހުންނަ ބައެއް ތަންތާނގައި އެއްޗެހި ހިއްކަން ކޮޓަރިތެރޭގައި އަޅާފައި ހުއްޓާ ފެންނަލެއް މަދެއް ނޫނެވެ. އެތަނުގައި ގޭތެރެ ސާފުކުރަން ގެންގުޅޭ ފިހިގަނޑާއި މޮޕާއި އިލޮށިފައްޗާއި ދެން އެހެންވެސް ރަށުން ފޮނުވާ ހަދިޔާކޮޅު ބަހައްޓާލަންވެސް ހުރީ އެތަނެވެ. ނަމަވެސް އެ ބެލްކަނިކޮޅުގެ މުހިއްމުކަންވެސް އިނގޭނީ އެތަންކޮޅުވެސް ލިބިފައި ނެތް މީހުންނަށެވެ. އަނެއް މުހިއްމު ކަމަކީ ބެލްކަންޏަށް ނުކުތުމުން ފެންނަން އޮންނަ ހިތް ގައިމު މަންޒަރެވެ. ބަލާލަަން ވަރަށް ރީއްޗެވެ. ނޫކުލައިގެ ކަނޑާއި ކުދި ރާޅުތަކުގެ އަޑެވެ.
ދެކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓް ތަކުގައި ދެ ކޮޓަރީގެ ސައިޒުވެސް ތަފާތެވެ. ކޮންމެ ކޮޓަރިއަކާ އެކު ފާހާނާ ހުންނައިރު ފާހާނާއާ އެކު ކޮޓަރިއެއްގެ ބޮޑުމިނަކީ 10.5 ފޫޓާއި 9.5 ފޫޓެވެ. ކޮޓަރީގެ ޖާގަ ކުޑަ ވާހަކަ އަކީ އާ ވާހަކަ އަކަށް ނުވާނެއެވެ. ކަބަޑަކާއި އެނދެއް އެކަނި ބެހެއްޓޭ ވާހަކައެވެ. ފާހާނާގެ ކުޑަކަމުގެ ވާހަކައެވެ. ފާހަނާގެ ފުޅާ މިނުގައި 3.5 ފޫޓު ހުންނައިރު ދިގު މިނުގައި 6.5 ފޫޓެވެ. ކޮޓަރީގެ އިތުރުން ފާހަނާގެ ޖާގަ ކިތަންމެ ކުޑަ ނަމަވެސް އެއީ މާލޭގެ އާންމު ގެތަކުގެ ފާހަނައާއި ދާދި އެއް ސައިޒެކެވެ.
ހިޔާ ފްލެޓް ތަކުގައި ތަޅުން އަޅާފަައި ހުއްޓަސް މުށްޓެއް ނުޖަހައެވެ. ކަރަންޓަށް ބޭނުންވާ ވަޔަރިން އަޅާފައި ވީ ނަމަވެސް ފަންކާއެއް ބޮތްކެއް ނެތެވެ. އެއީ ފްލެޓު ލިބޭ މީހާ އަމިއްލަ އަށް ފުރިހަމަ ކުރަން ހުރި ކަންތައްތަކަށް ބުނެފައި އެ މަޝްރޫއުގެ އަގުތައް ހަދާފައި ހުރީ އެޕާޓުމަންޓް ތަކުގެ ފިނިޝިން ޗާޖު ނުލާ ކަމަށް އެޗްސީޑީން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް، އަބްދުﷲ ޔާމީނުގެ ސަރުކާރުންވެސް ވަނީ އެ މޭރުރުމުން އެވާހަކަ ދައްކަވާފައެވެ. ރައީސް ޔާމީނުގެ ސަރުކަރުން ބުނެފައި ވަނީ އެތަނުގައި ލާމެ ކުލައާއި ޖަހާނެ މުށި އެއީ އެތަނަކަށް ވަންނަ މީހާގެ "ޗޮއިސް" އަށް ނިންމަން ޖެހޭ ކަންކަން ކަމަށެވެ.
ރައީސް ސޯލިހްވެސް ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަ ތަކަށް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ، ތަށިމުށި ޖެހުމާއި، އެތެރޭގެ ދޮރު، ކޭބަލް ޓީވީ އަދި ފަންކާ ފަދަ ތަކެތި ކަމަށް ވިދާޅުވެފައި ވާއިރު، އެތަނަށް ވަންނައިރު ކޮޓަރިއަކު ދޮރުފަތެއް ނުހުންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ހިފާ ފްލެޓްގެ އަގުތައް
ހިޔާ ފްލެޓް ތަކުގެ ސައިޒުގައި 550 އަކަފޫޓު ހުންނަ އިރު، އެ ފްލެޓްތައް ރައްޔިތުންނަށް ދޫކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ހަމަޖެއްސީ 6600 ރުފިޔާ އަށެވެ. އެއީ ކުއްޔަށް 5600 ރުފިޔާ އާއި މެއިންޓަނަންސް ފީއަށް 1000 ރުފިޔާ ނަގާ ގޮތަށެވެ. ނަމަވެސް އެޗްޑީސީން މި ފަހުން ބުނެފައި ވަނީ، އެ މަޝްރޫއުގެ އަގުތައް ހަދާފައި ހުރީ އެޕާޓުމަންޓް ތަކުގެ ފިނިޝިން ޗާޖު ނުލައި ކަމަށާއި، މިހާރު ހުރިހާ ހަރަދުތަކެއް ހިމަނައިގެން އެ ކޮންޓްރެކްޓް ނިމޭއިރު ޔުނިޓަކަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އަރާ ކަމަށެވެ. އެއީ ތެދެކެވެ. ކުރީ ސަރުކާރުންވެސް ނިންމާފައި އޮތީ، ކުލަލުން ފަދަ، މުށި ޖެހުން ފަދަ ކަންކަމަކީ އެ އެޕާޓުމަންޓަކަށް ވަންނަ މީހާ ކުރަން ޖެހޭނެ ކަމެއްގެ ގޮތަށް ހެދުމަށެވެ. އޭރު ހުއްޖަތަކަށް ދެއްކީ، މުޅިތަނުގައި ކުލަލައި މުށި ޖަހާފައި ދޭއިރު، އެތަނަށް ވަންނަ މީހަކަށް އެ ކުލައާއި މުށި ކަމު ނުގޮސްފިއްޔާ އަލުންބަލުން ކުލަލައި މުށި ޖަހަން ޖެހޭނެތީ އެކަން އެގޮތަށް ނުކުރާނެ ކަމަށެވެ. އެހެން ހެދީމައި އެޕާޓުމަންޓުގެ އަގު 6600 އަށް ޖައްސާލެވެއެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް ކުރިން ނިންމީ، އެޕާޓުމަންޓް ދޭ އިރު ދޭން ވަނީ ހަތަރު ފާރުގެ ބަދަލުގައި އެތަނަށް ވަންނަ މީހަކަށް ފަންކާއާއި ހޮޅިބުރިވެސް ދިއްލާލައި ކޮޓަރީގެ ދޮރުވެސް ލައްޕާލައި ތަޅުވެސް ލެވޭ ގޮތަށް ފިނިޝިން ނިންމާފައި ކަަމަށެވެ. އެގޮތަށް އެކަން ކުރަންޏާ ފްލެޓަކަށް ކުލީގެ ގޮތުގައި މަހަކު 11،000 ރުފިޔާ އަރައެވެ. އެއީ ސޯޝަލްހައުސިން ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމުގައި ބޮޑު އަގަކަށް ވާތީ އެ އަގު 7،500 ރުފިޔާއަށް އަށް ޖައްސައިދޭނެ ކަމަށް މިސަރުކާރުން ވައުދު ވިއެވެ.
ދެން އެންމެ ބާރައް ދެއްކި ވާހަކަ އަކީ ކޮންމެ ޓަވަރެއްގައި ގިނަ އެޕާޓްމަންޓް ހުރުމުން އުނދަގޫވާ ވާހަކައެވެ. ސަރުކާރުން އަންދާޒާ ކޮށްފައި ވާގޮތުން ނަމަ އެއިން ޓަވަރެއްގައި ގާތްގަނޑަކަށް 3000-4000 ހާސް މީހުން ދިރިއުޅޭނެއެވެ. 16 ޓަވަރުގައި 40000 އެއްހާ މީހުން އުޅޭނެކަމަށް ބަލައިގެން ކޮންމެ ޓަވަރެއްގައި ހުންނަ 3 ލިފްޓަށް ކެތް ނުވާނެ ވާހަކައެވެ. އެއިން ލިފްޓަކީ، 6-10 މީހުންނަށް އެރޭ ވަރުގެ ލިފްޓްތަކެއް ކަމަށް ވިޔަށް މާލޭއާއި ހުޅުމާލޭގައި ސްކޫލުތަކާއި، އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކުގެ ގަޑިތައް ހުންނަން ގޮތުން އެއިން ލިފްޓަކުން ޖާގަ ހޯދަން ކުރަން ޖެހޭ އިންތިޒާރު ބޮޑުތަނުން ދިގުވާނެއެވެ. އަމުދުން ދިވެހިންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން، އިރުއިރު ކޮޅާ ބޭރަށް ދާއިރު، ގަޑި ދެގަޑިއިރު ކުރިން ދިމާކޮށްގެން ނޫނީ، އެއިން ލިފްޓަކުން ފައިބެ ގަޑި ނުޖެހި ތަނަކަށް ދިއުމަކީ އަމުދުން ވުމަށް ވުރެ ނުވާނެ ކަމެކެވެ.
އާންމުންގެ ހިޔާލު
މި ރިޕޯޓުގެ ބޭނުމަށް، ހިޔާ ފްލެޓުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބުނު ބައެއް މީހުން ހޯދައިގެންނާއި މަގުމަތިން ބައްދަލުވި ބައެއް އާންމުންނާ ވާހަކަ ދައްކާލީމެވެ. ވާހަކަ ދެއްކި މީހުންގެ ތެރެއިން އެއްބަޔަކު ބުނީ އެއީ ރައީސް ސޯލިހު ވިދާޅުވި ގޮތައް ކޮށްފައިވާ ބޭކާރު ހަރަދެއް ކަމަށެވެ.
އެއީ ތެދެކެވެ. ޕްރޮޖެޓްގެ އަގު 434 މިލިއަނަށް އަރައެވެ. ނަމަވެސް ސަޕޯޓް ފައިނޭންސަށް 45 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅުނު ނަމަވެސް އެކަން ނުނިމެއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، އެލޯނު ނަގަން އުޅުނީ އިމާރާތްތަކުގައި "ފިނިޝިން" މަސައްކަތް ކަމަށެވެ. އެކަން އެގޮތަށް ކުރައްވަން ވިސްނެވީ، ފިނިޝިން ނުނިންމާ ތަން ހަވާލުކޮށްފިނަމަ، މީހުން މުށި ޖެހުމާއި ވަޑާން ކުރުމާއި، ކުލަ ލުމާއި އެތައް އެތައް ކަމެއް ކުރާނެތީ ކަމަށާއި، އޭރުން އެތަން ވާނީ "ބޮޑު ކޮންސްޓަރަކްޝަން ސައިޓަކަށް" ކަމަށެވެ.
ނަމަވެސް އާންމުންގެ ޕްރެޝަރާއި ސިޔާސީ އެކިއެކި ޕްރެޝަރުގެ ތެރޭގައި މިހާރު ސަރުކާރުގެ އަމާޒު ހުރީ އެ ލޯނު ނުނަގާ ދޮރާ އެއްޗެހި ނުލައި ފްލެޓް ލިބުނު މީހުންނަށް ތަން ހަވާލު ކުރާ ވިސްނުމެކެވެ.
އިތުރު މީހަކު ބުނި ގޮތުގައި އެމީހުން މިހާރު އުޅޭ ތަނާ އެއްވަރު ޖާގައެއް އެތާނގައި އޮތް ކަމަށް ގަބޫލު ކުރެއެވެ. ނަމަވެސް އެއީ މައްސަލަ އަކަށް ވާ ގޮތަކީ ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ސަރުކާރުން އެޅި އިޖްތިމާއީ ފްލެޓަކަށް ވެފައި ޖާގަ ކުޑަވުން ކަމަށެވެ.
އެހެން މީހަކު ބުނީ، "ފްލެޓްތަކުގެ މައްސަލަ މިހާރު އޮތީ ސްޕްރީމް ކޯޓަށް ގޮސްގެން ނޫނީ ނުނިމޭ ހިސާބުގައި" ކަމަށެވެ. ސަމާސާ ގޮތަކަށް އޭނާ ބުނީ، "އެ ފްލްޓްތައް އިބޫ ދީ ފިއްޔާ ހުރިހާ ކްރެޑިޓެއް ިލިބޭނީ ޔާމީނަށް" ކަމަށް ވާތީ އެތަން ހަވާލުކުރެވެން ނެތް ކަމަށާއި، "ނުދީ އެހެން ބަހައްޓައިފި ނަމަ، އިބޫއަށް އޮތް ސަޕޯޓު ކުޑަވެ، ރައްޔިތުންގެ ޕްރެޝަރު ބޮޑުވެގެން ދާ ގަޑީގައި މަޖިލީހުގެ ރައީސަކަށް އެ އިންނަ ކަލޭގެ (ރައީސް ނަޝީދު) ހާޖާނު ގަނޑެއް ހަދައި ވެރިކަންވެސް ވައްޓާލަފާނެ" ކަމަށެވެ.
އެ އެޕާޓްމެންޓްތަކުން ފްލެޓް ލިބުނު އެހެން މީހެއްގެ ވާހަކަ ތަފާތެވެ. އެކަނިވެރި ދެ މައިންނާއި އެމީހުންގެ ދަރިންނާއެކު ހަމަ އެވަރުގެ ކޮޓަރިއެއްގައި އުޅުމަށް ވުރެ އާއިލާ ވަކިން އޭގެ ފްލެޓެއްގައި އުޅުން މާ ރަނގަޅު ކަމަށް ބުންޏެވެ. ވެހޭހާ ވާރެ އަކާއި ދޭހާ އަތްވެއްގައި ކެތްކޮށްގެން މިހާރު އުޅޭ ވާހަކައެވެ. ފަސޭހައިން އިތުރު މަގެއް ފެންނަން އޮތީ އެ ގޮތް ކަމަށް ބުނެއެވެ. މިހާރު ފިތި ބާރުވެގެން އުޅޭ އެންމެންގެ ބަދަލުގައި އެތަނަށް ގޮސް އަމިއްލަ ގެއެއްގެ އިހުސާސް ވުމާއި ރައްކާތެރިކަމުގެ ނޭވާއެއް ލެވޭނެ ކަމުގެ ވާހަކައެވެ.
އާނއެކެވެ. ހިޔާ ފްލެޓަކީ ބޭރުފުށުން ފެންނަ ނަމަ ކުލަ ފޮއްޓަކަށް ވެދާނެއެވެ. އެއިން ޓަވަރަކަށް ވަދެވުމުން އެއީ ކޮތަރު ކޮއްޓެއްގެ ގޮތުގައި ސިފަ ވެދާނެއެވެ. އަމިއްލަ އަށް ލިބޭ އެޕާޓްމަންޓަށް ވަދެވުމުން އެއީ އަލިފާން ފޮއްޓެއްހާ ކުޑަ ތަނަކޮޅެއް ކަމަށް ހަމަ ލޮލަށް ފެނި ގަބޫލު ކުރެވިދާނެއެވެ. ނަމަވެސް ސުވާލަކީ މިހާތަނަށް ފްލެޓް ކަށަވަރުވެފައިވާ މީހުންގެ ތެރެއިން އެއީ ކޮތަރުކޮށްޓަކަސް އަލިފާން ފޮށްޓަކަސް ބޭނުންނެތި ދޫކޮށްލި މީހަކު އެބަހުރިތޯއެވެ؟
ޜަގަޅު ވާހަކައެއް. އާއިލީ މައްސަލަތައް ބޮޑުވެފަމިވަނީ އެންމެން އެއްތާކު ނިދާތީ. ފާރުތަަަަކަކުން ކޮޓަރި ވަކިވަނިކޮށް ނިމުނީ ބައެއްމީހުންނަން. ާބޮޑެތި ގޭތަކުގަ އުޅޭ މީހުން މިކަމާ މާ ގިނަ ވާހަކަ ނުދައްކާ ދެންތި ކޮތަރު ކޮށިވިޔަސް ފަހާނަ ގޮޅިއެއްވިއަސް ދީބަލަ!