މިހާރު އޭޓީއެމުން ފައިސާ ލިބޭނީ އޭޓީއެމް މެޝިނުން ކާޑު ނެގުމުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލުން ބުނީ އޭޓީއެމުން ފައިސާ ނަގަން ޖެހޭ ގޮތް ބީއެމްއެލުން ބަދަލުކޮށްފައި ވާއިރު، އޭޓީއެމް މެޝިނުން ފައިސާ ނިކުންނާނީ، މެޝިނުން ކާޑު ނެގުމުން ކަމަށެވެ. މިއީ ހަނދާން ނެތިގެން އޭޓީއެމް މެޝިން ތެރޭގައި ކާޑު ބާއްވާފައި ދެވޭ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިއަދުން ފެށިގެން ކާޑު އޭޓީއެމް މެޝިންގެ ތެރެއިން ނެގުމުން ނޫނީ ފައިސާއެއް ނުނެގޭނެއެވެ. މިއަދާ ހަމައަށް އޭޓީއެމް މެޝިންތަކުން ކާޑު ނެގޭ ގޮތް ހަދާފައި ވަނީ މުޅި ޓްރާންސެކްޝަން ނިމުމުންނެވެ.

ހަނދާން ނެތިގެން ކާޑު ބާއްވާފައި ދެވުމުން ގިނަ ފަހަރު ކާޑު ލިބުނު ކަމުގައި ވިޔަސް ކާޑުގައިވާ މައުލޫމާތު ބޭނުން ކޮށްގެން އޮންލައިން ޓްރާންސެކްޝަންތައް ހަދާ ކަމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި މިފަދައިން ބައެއް ފަރާތްތަކުގެ އެކައުންޓުން ގިނަ އަދަދުތަކުން ފައިސާ ވަގަށް ނަގާފައިވެސް ވެއެވެ.