ދަހިވެތިކަމަކީ އޭގައި އިމެއް އޮތް ކަމެއް ނޫނޭ ބުނެއުޅެއެވެ. އެހެނީ ދަހި މީހުންގެ ބޭނުންތައް ދުވަހަކުވެސް ފުދޭތަން ނާންނާތީއެވެ. ދުނިޔެ މި އަދު ދެކެމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައިވެސް، މި ދަހިވެތިކަން މިވަނީ އިންސާނިއްޔަތުކަމާ، ހަމްދަރުދީއާއި، ރަހުމުކުރުމުގެ މައްޗަށް ކުރި ހޯދާފައެވެ.

މިދައްކަނީ ދެކުނު އޭޝިއާގައި މި ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑު ވަމުން އަންނަ އެއް ގައުމުތަކަށްވާ ޕާކިސްތާނުގެ ވާހަކައެވެ. ކޮވިޑް-19ގެ ކޭސްތަކައިގެން ހޮސްޕިޓަލުތައް ފުރި، ބަންޑުންވެއްޖެއެވެ. ހިދުމަތް ނުލިބި އަނބުރާ ގެއަށް ދާންޖެހޭ މީހުންގެ އަދަދު އިންތިހާއެވެ. ޑޮކްޓަރުންނާ ސިއްހީ ހިދުމަތްތެރިންވެސް މި ބަލީގައި ދުނިޔެ ދޫކުރަނީއެވެ. މި ފަދަ ނާމާން ދަނޑިވަޅެއްގައި، ނުރައްކަ ކަޅުބާޒާރެއް ޕާކިސްތާނުގައި އަންނަނީ ތިޔާގި ވަމުންނެވެ. އެއީ ކޮވިޑް-19ގެ ޖެހި، ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުން ލޭގެ ސާމްޕަލް ވިއްކުމުގެ ކަޅު ބާޒާރެކެވެ.

ޕާކިސްތާނުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މީހެއްގެ ހުން ބަލަނީ/ފޮޓޯ: އޭއެންއާރް

ޕްލާޒްމާ ތެރެރަޕީއަކީ ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19އާއި ގުޅިގެން ސިއްހީ ދާއިރާގައި މިވަގުތު އެންމެ ފުޅާދާއިރާއެއްގައި ސަމާލުކަން ދެމުން އަންނަ އެއް ކަންތަކެވެ. ޕާކިސްތާނުގެ ސިއްހީ ނިޒާމު މުޅިން އިންދަޖެހުމާ އިންތިހާ ގާތްވެފައިވާ މި ދަނޑިވަޅުގައި، ކޮވިޑް-19އިން ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުން ނަގާ ޕްލާޒްމާ ސާމްޕަލް ކަޅުބާޒާރުގައި ވިއްކަމުންދަނީ ގާތްގަނޑަކަށް 3000 އެއްހާ ޔޫރޯއަށެވެ. މިގޮތަށް، ބަލިން ފަސޭހަވެފައިވާ މީހުންގެ ހަށިގަނޑުން ޕްލާޒްމާ ސާމްޕަލް ނެގުމަށް ފައިސާ ދިނުމާ، އެއް ވިއްކުމަކީވެސް ގިނަ ގައުމުތަކުގައި ގައިރު ގާނޫނީ އަމަލެކެވެ. ނަމަވެސް ޕާކިސްތާނުގައި، އެކަންވެސް ވެފައި މިއޮތީ ވިޔަފާރިއަކަށެވެ.

ޕާކިސްތާނުގެ ބައެއް ޑޮކްޓަރުން ކިޔައިދީފައިވާ ގޮތުގައި، ބަލިޖެހިފައިވާ މީހާގެ އާއިލާއިން، ރަނގަޅުވެފައިވާ މީހެއްގެ ގާތަށް ގޮސް ޕްލާޒްމާ ސާމްޕަލް ދިނުމަށް އާދޭސް ކުރާ މަންޒަރު އެމީހުންނަށް ފެނިފައި އެބަހުއްޓެވެ. ނަމަވެސް މިކަން ނިމިދަނީ ފައިސާގެ އަގަކާވެސް އެކުގައެވެ. ފައިސާއަށް ޕްލާޒްމާ ސާމްޕަލް ދިނުމުގެ މަސައްކަތުގައި ފަންނީ އެހީދެނީ ޕްރައިވެޓް ލެބޯޓްރީތަކުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ކޮށްފައިވާ ޕާކިސްތާނުގެ ޕެޝާވަރުގެ މަގެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ޢަބްދުލްމަޖީދު

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށްވެސް މިކަން އޮތީ އަރާފައެވެ. ނަމަވެސް އަދި މިހާތަނަށް ކުރެވުނު ކަމެއް ފެންނާކަށް ނެތެވެ.

ކަންމިހެން އޮތްއިރު، ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ ޑޮކްޓަރުން ވަނީ ކޮވިޑް-19އަށް ފަރުވާ ދިނުމަށް ބޭނުންވާ މުހިންމު ޑްރަގްތައް ހޮސްޕިޓަލުތަކުން ހުސްވެފައިވާކަމުގެ އިންޒާރު ދީފައެވެ. އެގޮތުން ކޮވިޑް-19އަށް ކާމިޔާބު ފަރުވާއެއްގެ ގޮތުގައި ދާދި ފަހުން އިއުލާންކުރި ޑެކްސަމެތަސޯން ބޭސް ހުސްވެފައިވާކަމަށްވެސް ޑޮކްޓަރުން ބުނެއެވެ. މީގެ އިތުރުން، އޮކްސިޖަން ސިލިންޑަރުތައްވެސް ވަގަށް ގެންދާ ކަމަށާ، މިކަމުގެ ސަބަބުން ސިލިންޑަރުގެ ޑިމާންޑް ބޮޑުވެ، ސިލިންޑަރުގެ ކަޅުބާޒާރެއްވެސް ފެށިފައިވާކަމަށް ޑޮކްޓަރުން ބުނެއެވެ. ކަޅު ބާޒާރުގައި ސިލިންޑަރެއްގެ އަގު އުޅެނީ 25 ގުނަ މަތީގައި ކަމަށްވެއެވެ.

ޕާކިސްތާނުގެ ސިއްހީ ހިދުމަތްތެރިންނާ ފުލުހުން ކުރިމަތިލަނީ/ފޮޓޯ: އޭއެފްޕީ

ބަލި ފެތުރެމުންދާ ނިސްބަތަށް ބަލާއިރު މުޅި ދުނިޔޭގައިވެސް އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އެއް ގައުމަކީ ޕާކިސްތާނެވެ. ދުވާލެއްގެ މައްޗަށް އެ ގައުމުން 5000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ޕްލޭނިންގް މިނިސްޓަރު އަސަދު ޢުމަރު ވަނީ، ޖުލައި މަސް ނިމޭކޮޅަށް އަންނައިރު ބަލިޖެހޭ މީހުންގެ އަދަދު 8 ގުނަ އިތުރުވަމުންދާނެ ކަމަށާ، އެހާތަނަށް ޕާކިސްތާނުން ޕޮޒިޓިވްވި މީހުންގެ އަދަދު 1.2 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން (ކ) އަދި ފައިސަލް އީދީ ހުސްވި ހަފުތާގައި ބައްދަލުކުރައްވަނީ/ފޮޓޯ: ޕްރެސް އިންފޮމޭޝަން ޑިޕާޓްމަންޓް

ކަންމިހެން އޮތް ނަމަވެސް ޕާކިސްތާނުން ވަނީ ލޮކްޑައުންގެ ހަރުކަށި އަމުރުތައް އުވާލާ، އާންމު ހާލަތަކަށް ގައުމު ގެންދިއުމުގެ މަސައްކަތްތައް ތަންފީޒު ކުރަން ފަށާފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ ފިކުރުފުޅު ހުރީ، ކޮވިޑް-19އިން ލިބޭ ގެއްލުމަކަށްވުރެ، އިގުތިސޯދީ ހީނަރުކަމުގެ ގެއްލުން ބޮޑުވާނެ ކަމަށް ދޭހަވާފަދަ ރޫހެއްގައެވެ.

ޕާކިސްތާނުގެ އަދުގެ ހާލަތަށް ބަލާއިރު 188926 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި 3755 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.