އެއް އިރެއްގައި ދުނިޔެ ދުށް އެންމެ ވަރުގަދަ ކެމެރާ ބްރޭންޑް ކަމަށްވާ އޮލިމްޕަހުން، 84 އަހަރަށްފަހު ކެމެރާ އުފެއްދުމުގެ ވިޔަފާރި ހުއްޓާލައިފިއެވެ.

އޮލިމްޕަސް ކުންފުނިން ބުނީ ޑިޖިޓިލް ކެމެރާގެ ވިޔަފާރި އިންތިހާއަށް ކުރިއަރަމުން ދިއުމާއެކު އޮލިމްޕަސް ކެމެރާގެ ވިޔަފާރިއަށް އެއްވެސް ވަރެއްގެ ފައިދާއެއް ލިބެމުން ނުދާ ކަމަށެވެ. ސްމާޓް ފޯނުތައް ތައާރަފުވެގެން އައުމާއެކ، ކެމެރާތަކަށް އޮތް ޑިމާންޑް އިންތިހާއަށް ދަށްވިކަމަށާ، ވިޔަފާރި ދަށްވެގެން ދިއުމުގެ އެންމެ ބޮޑު އެއް އަސްލަކީވެސް އެއީ ކަމަށް އޮލިމްޕަސް ކުންފުނިން ބުނެއެވެ

ފާއިތުވީ 3 އަހަރުވެސް އޮލިމްޕަސް ކުންފުނީގެ ކެމެރާ ވިޔަފާރިއަށް ލިބިފައިވަނީ ގެއްލުމެވެ.

ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ އޮލިމްޕަހުން އެންމެ ފުރަތަމަ ކެމެރާ އުފެއްދީ 1936 ވަނަ އަހަރުއެވެ. އޭރު ކެމެރާއެއް ގަތުމަށް މީހެއްގެ މަހު މުސާރަ ހުސްކޮށްލަންޖެހެއެވެ. ކެމެރާ ވިޔަފާރީގައި ކުރިއަރަމުން ގޮސް، މި ބާޒާރުގައި އެންމެ ނުފޫޒުގަދަ ކުންފުނީގެ ގޮތުގައިވެސް ދުވަސްތަކެއް ވަންދެން އޮލިމްޕަސް ކުންފުނިން ރަސްކަން ކުރިއެވެ.

ޒަމާނާއެކު ތައާރަފުވެގެން އައި ޓެކްނޮލޮޖީ އިންގިލާބުތަކާއެކު އޮލިމްޕަސް ކެމެރާތަކަށް ޑިމާންޑް ދަށްވެގެންދިޔައީ އިންތިހާއަށެވެ. އެގޮތުން 2010 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު މިފަދަ ކެމެރާތަކަށް އޮތް ޑިމާންޑް 84 ޕަސެންޓް ދަށަށް ދިޔަކަމަށް ބުނެވެއެވެ.

އޮލިމްޕަސް ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ ކެމެރާ ވިޔަފާރި ލައިން ވިއްކާލުމަށްފަހު، ލެންސް އުފެއްދުމައިގެން ކުރިއަށް ދިއުމަށެވެ. އޮލިމްޕަސް ކުންފުންޏަކީ ކެމެރާ އުފެއްދުމުގެ ކުރިންވެސް މައިކްރޮސްކޯޕް އުފެއްދުމަށް މަޝްހޫރު ކުންފުންޏެކެވެ. ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ކުރިއަށްދާނީ މި ސިނާއަތުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެންޑޮސްކޯޕް އުފެއްދުމުގައިވެސް އޮލިމްޕަސް ކުންފުނީގެ ނަން ފާހަގަކުރެވެއެވެ.