މިދިޔަ މަހުގެ 22 ވަނަ ދުވަހު، ޕާކިސްތާނުގެ ލާހޯރް ސިޓީއިން ފުރައިގެން ކަރާޗީއަށް ދަތުރުކުރަމުންދަނިކޮށް ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ-8303 ވެއްޓުނީ 'ހިއުމަން އެރާ' ނުވަތަ މީހަކަށް ހެދުނު ގޯހަކުން ކަމަށް، މި ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން އެކުލަވާލި ފުރަތަމަ ތަހުގީގު ރިޕޯޓް ބުނެފިއެވެ.

ރިޕޯޓް ބުނާ ގޮތުން ނަމަ ގޯސް ހެދުނީ ޕައިލެޓަށާ އެއާ ޓްރެފިކް ކޮންޓްރޯލަރަށެވެ.

ތަހުގީގު ހޯދުންތައް ގާނޫނު ހަދާ މަޖިލީހަށް ތަފްސީލުކޮށްދެއްވަމުން ޕާކިސްތާނުގެ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު ގުލާމް ސަރުވާރު ހާން ވިދާޅުވީ، ޕައިލެޓާ އެއާ ޓްރެފިކް ކޮންޓްރޯލަރަށްވެސް ޕްރޮޓޮކޯލްތައް ފުރިހަމައަށް އަމަލު ކުރެވިފައި ނުވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ޕައިލެޓުންގެ ސަމާލުކަން އެންމެ ފުރިހަމަ ގޮތުގައި ފްލައިޓަށް ނުލިބޭ ކަމަށާ، އެމީހުން ދައްކަމުން ދިޔައީ ކޮރޯނާވައިރަހުގެ ވާހަކަ ކަމަށެވެ. ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްއިން އޮޕަރޭޓްކުރަމުންދިޔަ އޭއާބަސް އޭ-320 މަރުކާގެ މަތިންދާބޯޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހާދިސާ އިތުރަށް ތަފްސީލު ކޮށްދެއްވަމުން ވަޒީރު ވިދާޅުވީ ފުރަތަމަ ފަހަރު ބޯޓު ޖައްސަން އައިއިރު ރަނގަޅު ގޮތުގައި ލޭންޑިންގް ގިއަރު ތިރިކުރުމަށް ޕައިލެޓް ފެއިލްވި ކަމަށާ، ރަންވޭ މަތީގައި ބޯޓު ގޭނިގެން ދިޔައީ މި ސަބަބާ ހެދި ކަމަށެވެ. ދެވަނަ ފަހަރަށް ރަންވޭގައި ބޯޓު ޖައްސަން އައިއިރު، ބޯޓުގެ އިންޖީނުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ވާހަކަ ޕައިލެޓަށް އެންގުމަށް އެއާ ޓްރެފިކް ކޮންޓްރޯލަރުންވެސް ފެއިލް ވެފައިވާކަމަށެވެ.

ހާން ވިދާޅުވީ ތަހުގީގާ ގުޅޭ ފުރިހަމަ ރިޕޯޓް ހުށަހެޅުމަށް އަހަރެއްހާ ދުވަސް ބޭނުންވާނެ ކަމަށެވެ. ބޯޓު ތިރިވަމުން އައި ވަގުތު ދެކެވުނު ވާހަކަތަކުގެ ރެކޯޑްތައް ހިމެނޭނީ އެ ރިޕޯޓްގައި ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހާދިސާގައި 2 ފަސެންޖަރެއްގެ ފުރާނަ ސަލާމަތްވެފައިވާއިރު، އެ ތަނުން 1 ފަސެންޖަރަކު ކިޔައިދީފައިވާ ގޮތުގައި، ފުރަތަމަ ފަހަރަށް ބޯޓު ޖައްސަން އުޅުމާ 2 ވަނަ ފަހަރަށް ލޭންޑް ކުރަން އުޅުމާ ދެމެދު 10-15 ވަރަކަށް މިނެޓް ހޭދަވިއެވެ. އަދި މި ވަގުތުގައިވެސް ބޯޓު ވެއްޓެން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ފަސެންޖަރުންނަށް ލިބިފައި ނުވާކަމަށްވެސް އޭނާ ވަނީ ކިޔައިދީފައެވެ.

ވައިގެ އުދުހުންތަކުގެ ތާރީހަށް ބަލާއިރު ޕާކިސްތާނަކީ ހިތި މާޒީއެއް އޮތް ގައުމެކެވެ.