ޚުދުމުޚުތާރު އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރިއާއި އުރުދުން ވާދީގެ ބޮޑު ސަރަހައްދެއް އަތުލުމަށް އިސްރާއީލުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ރެލީއެއް ބާއްވައިފިއެވެ.

އުރުދުން ވާދީގައި އޮންނަ އައް-ރީހާއޭ ކިއުނު ސަރަހައްދުގައި ކުރިއަށްދިޔަ މި ރެލީގައި، ބޭރުގެ ޑިޕްލޮމެޓުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ ތެރޭގައި، މެދުއިރުމަތީގެ ސުލްހައާއި ބެހޭ އދގެ ހާއްސަ މަންދުބު ނޮކޮލާއި މްލަޑަނޯފްއާއޮ، ވިލާތުގެ އިއްތިހާދުގެ މަންދޫބު ސްވެން ކޫހެން ވޮން ބާގްސްޑޯފްވެސް ހިމެނިވަޑައިގަންނަވައެވެ. ހަމަ އެހެންމެ، އިނގިރޭސިވިލާތް، ޗައިނާ، ރަޝިއާ، ޖަޕާން އަދި އުރުދުންގެ ޑިޕްލޮމެޓުންވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ޚަބަރު ދެއެވެ.

ފަލަސްތީނުގެ އުރުދުން ވާދީގައި އޮންނަ އައް-ރީހާއޭ ކިއުނު ސަރަހައްދުގައި ކުރިއަށްދިޔަ ރެލީގެ ތެރެއިން/ފޮޓޯ: ފްރާންސް24

މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ބައިނަލްއަގުވާމީ މުޖުމަތައުއަށް މި ކަމާ ގުޅިގެން ޕްރެޝަރު ކުރިމަތި ކުރުވާނެ ކަމެއް ކަމަށް ފަލަސްތީނުގެ ރައްޔިތުން ގަބޫލު ކުރެއެވެ. ފަލަސްތީނު ރައްޔިތުންގެ މަގުސަދަކީ، މިފަދަ ރެލީތައް ބާއްވާ، ބޭރުގެ ޑިޕްލޮމެޓުންގެ ސަމާލުކަން ހޯދާ، އިސްރާއީލުގެ ނިންމުންތަކާ ދެކޮޅަށް އެ ގައުމުތައް ތެދުވުމަށް ޑިޕްލޮމެޓުންގެ ގައުމުތަކަށް އެ ޑިޕްލޮމެޓުން ޕްރެޝަރު ކުރުވުން ކަމަށް މުޒާހަރާ ކަވަރު ކުރަމުންދިޔަ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ސިފަކޮށްފައެވެ. ރެލީގައި ބައިވެރިވި ފަލަސްތީނު ރައްޔިތުންގެ އުއްމީދަކީ، ރެލީގައި ބައިވެރިވެވަޑައިގެންނެވި ޑިޕްލޮމެޓުން ރަމްޒުކުރައްވާ ގައުމުތަކުން، އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމެވެ.

ސިޔާސީ ބޮޑު ހަމަނުޖެހުންގަނޑަކަށް ފަހު އިސްރާއީލުގައި އެންމެ ފަހުން އެކުލަވާލި ގުޅިފައިވާ ސަރުކާރުން ވަނީ (ގަވައިދާ ހިލާފަށް) ވަޒަންވެރި ކޮށްފައިވާ ޔަހޫދީ އާބާދޫތައް އޮތް ސަރަހައްދުތަކާ، އުރުދުން ވާދީއަކީ އިސްރާއީލުގެ މިލްކިއްޔާތަކަށް ހަދާނެ ކަމަށް ވައުދުވެފައެވެ. މި ކަމަކީ، މެދުއިރުމައްޗަށް ސުލްހަ ގެނެސްދިނުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްކޮށް ހުންނަވައިގެން އެކުލަވާލެއްވި ޕްލޭންއިންވެސް ބަލައިގެންފައިވާ ކަމެއްކެވެ.

މެދުއިރުމަތީގެ މަސްރަހާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ލަފާއަރުވާ މުޝީރު އަދި ދަނބިދަރިކަލުން ޖެރާޑް ކުޝްނާ/ފޮޓޯ: ރޮއިޓާޒް

އިސްރާއީލުން އަމަލީ ގޮތުން މި ފިޔަވަޅު އަޅައިފިނަމަ، ދިގު ދެމިގެން ގޮސްފައިވާ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގައި ސިއްކަ ޖެހިގެން ދާނެ ކަމަށް ސިޔާސީ މުރާސިލުން ސިފަކުރެއެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބޮޑު ހުރަހަކަށް ވެގެންދާނެއެވެ. އައް-ރީހާގައި ކުރިއަށް ދިޔަ ރެލީގައި ބައިވެރިވެވަޑައިގެންނެވި ވްލަޑަނޯފްވެސް ވަނީ ބިންތައް މިލްކު ކުރުމުގެ ޕްލޭނައިގެން އިސްރާއީލުން ކުރިއަށް ހިނގައްޖެއް ނަމަ، ފަލަސްތީނުގެ މިނިވަން ދައުލަތް އުފުދުމާ، ސުލްހައިގެ ޕްލޭން 'ކަފުން' ކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، ސުލްހަވެރި ކަމާއެކު އިސްރާއީލުގެ ރޭވުންތަކަށް ދެކޮޅު ހެދުމަށްވެސް މްލަޑަނޯފް ވަނީ ފަލަސްތީނުގެ ރައްޔިތުނނަށް ގޮވާލައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން މްލަޑަނޯފް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދަނީ ބިމެއް ކުއްޔަށް ނަގައިގެން ނޫންކަމަށާ، އެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ބިމެއް ކަމަށެވެ. ކަންމިހެން އޮތް ނަމަވެސް ސުލްހައިގެ މަގުން އެއްކިބާ ނުވުމަށާ، މިނިވަން ފަލަސްތީނުގެ ތަސައްވުރު ދޫކޮށް ނުލުމަށްވެސް މްލަޑަނޯފް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ ޚުދުމުޚުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫ (މ) އަދި ގުޅިފައިވާ ސަރުކާރުގެ ސިޔާސީ ވާދަވެރިޔާ ބެނީ ގަންޓްޒް/ފޮޓޯ: ނެސެޓް

ޓްރަމްޕްގެ ސުލްހައިގެ ޕްލޭން ބަލައިގަތުމަށް ފަލަސްތީނުން އިންކާރު ކުރަމުންދާއިރު، އިސްރާއީލުގެ ޚުދުމުޚުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަނީ ޖުލައި 1 ވަނަ ދުވަހުވެސް ބިންތައް މިލްކު ކުރުމުގެ މަސައްކަތް ފެށިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ކަންމިހެން އޮތްއިރު ވިލާތުގެ އިއްތިހާދުންވެސް ވަނީ ޓްރަމްޕްގެ ޕްލޭނާ ދެކޮޅު ކަމަށާ، ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިސްރާއީލާ ފަލަސްތީނު އުފެދިގެން އައުމަށް އެ އިއްތިހާދުން ތާއީދު ކުރާކަން ހާމަކޮށްފައެވެ.

ފަލަސްޠީނުގެ އުރުދުން ވާދީގެ ދަނޑުވެރިއެއް/ފޮޓޯ: އަރްވާ އިބްރާހީމް

ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން އަތްގަދަ ކުރުމާ ދެކޮޅަށް ފަލަސްތީނުގައި ވަރުގަދަ ރެލީއެއް ކުރިއަށް ގެންގޮސްފައި ވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އާންމު އެއްވުންތައް ބޭއްވުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މި މައްސަލައިގެ ހައްސާސީ ކަމަށް ބަލާ، މިފަދަ އެއްވުމެއް ބޭއްވުމަށް ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)ގެ އޮފިޝަލުން، މި ރެލީއަށް ހުއްދަ ދެއްވީއެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ އިތުރު ރެލީތައް ފަލަސްތީނުގައި ކުރިއަށްދނެ ކަމަށް ޚަބަރު ލިބެއެވެ.