2 ފެބްރުއަރީ 2012ގައި ހިނގި ހަމަ ނުޖެހުން ތަހުގީގު ކޮށްފިނަމަ ހައްޔަރު ކުރަން ޖެހޭނީ ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖެއްސުމަށް ރޭ ޕީޕީއެމްގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ހެކިބަސް ނަގާ ތަހުގީގެއް ކުރިއަށް ގެންދިޔަ ނަމަވެސް އެ މައްސަލައިގައި ހައްޔަރު ވާނީ ރައީސް ނަޝީދު ކަމަށެވެ.
ރައީސް ނަޝީދު ވެރިކަމަށް ފަހު ރައީސް ވަހީދު އަދާކުރެއްވީ ގާނޫނު އަސާސީން ލާޒިމް ކުރާ މައްސޫލިޔަތު ކަމަށެވެ.
އިތުރުން އަދުރޭގެ ވާހަކައިގައި ވިދާޅުވީ 7 ފެބްރުއަރީގެ އެ ހާލަތު ގެނައީވެސް ރައީސް ނަޝީދު ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކޮށްފިނަމަ ހައްޔަރުވާން ޖެހޭނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ބައިވެރިން ކަމަށެވެ.
އަދުރޭ އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވާއިރު، އެ ބައްދަލުވުމުގައި ރައީސް ވަހީދު ވިދާޅުވީ 7 ފެބްރުއަރީގެ މައްސަލައިގައި އިތުރައް ބަލަން ޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ.
2012 ގައި ވެރިކަން ބަދަލުވި ގޮތް އަލުން ބެލިނަމަވެސް ވެރިކަން ވެއްޓުނީ ބަޣާވާތަކުންކަން ފެންނާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ހާދިސާގައި މިހާތަނަށް ކުރި ތަހުގީގުން އޭރު ރައީސް ނަޝީދުގެ ނައިބް ރައީސް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ "ބަޣާވާތް ކުރައްވައިފައިވާ ބޭފުޅެއްކަން" ނިންމިފައި ނެތް ކަމަށެވެ.