މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ފެނިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ހަލުވިކަމާއެކު ފެތުރެމުންދާ ޕާކިސްތާނަށް، އެގައުމު އަލުން ހުޅުވާލުން ނޫން ގޮތެއް ނެތް ކަމަށް އެ ގައުމުން ބުނެފިއެވެ.

ކަންމިހެން އޮތް ނަމަވެސް، ޕާކިސްތާނުގައި ބަލިޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ހޮސްޕިޓަލުތައް ފުރި، ހިދުމަތްތ ދެވެން ނެތިގެން ގިނަ އަދަދެއްގެ ޕޭޝަންޓުންނަށް ވަނީ އަނބުރާ ގެއަށްދާން ވެސް މަޖުބޫރުވެފައެވެ.

މި ދަނޑިވަޅުގައި ޕާކިސްތާނުގެ ސަރުކާރުން ދަނީ ގައުމު އިތުރަށް ހުޅުވާލުމަށް ރޭވުންތައް ރާވަމުންނެވެ. ޕާކިސްތާނުގެ ސަރުކާރުން ބުނާ ގޮތުގައި، އިނދަޖެހުމާ ގާތްވެފައިވާ އިގުތިސޯދު ނެގެހެއްޓުމަށް، ގައުމު ހުޅުވާލުން ނޫން އެހެން ގޮތެއް ޕާކިސްތާނަކަށް ނެތެވެ.

ހަލުވިކަމާއެކު ކޮވިޑް-19ގެ ކޭސް ނަމްބަރު އިތުރުވަމުންދާ ޕާކިސްތާނުުގެ މޭވާ ބާޒާރެއްގައި އާންމުން މާސްކު އަޅައިގެން/ފޮޓޯ: އާސިފް ހަސަން

ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު، މި ބަލިމަޑުކަމުގައި ޕާކިސްތާނުގެ އެތައް މިލިއަން ބަޔަކު ވަނީ އިންތިހާ ފަގީރު ކަމުގެ އަނދަވަޅަކަށް ވެއްޓިފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވީ، ފުރިހަމަ ލޮކްޑައުންއެއް ތަންފީޒު ކުރެއްވުމަށް އިންކާރު ކުރެއްވި ކުރެއްވުމަކީ، އިގުތިސޯދު އިނދަޖެހި ދިއުމުން ސަލާމަތްކޮށްދިން ނިންމެވުމެއް ކަމަށެވެ. ޓީވީ މެދުވެރި ކުރައްވާ ގައުމާ މުހާތަބު ކުރައްވަމުން އިމްރާން ހާން ވަނީ މާސްކު ބޭނުން ކުރުމަށާ، ކޮވިޑް-19ގެ ފަރުވާގެ ގޮތުގައި ޕްރޮމޯޓް ކުރަމުންދާ ސާބިތު ނުހިފޭ ވާހަކަތައް ގަބޫލުނުކޮށް، އެފަދަ ކަންކަމުން ދުރުހެލި ވުމަށް ޕާކިސްތާނުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ޕާކިސްތާނު މީހުން ކޮވިޑް-19އަށް ޓެސްޓު ކުރަން ހާއްސަކޮށްފައިވާ މަރުކަޒެއް/ފޮޓޯ: ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް

ޕާކިސްތާނުގެ މަދު ސަރަހައްދެއް ފިޔަވާ އެހެން ހުރިހާ ސަރަހައްދެއް މިހާރު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ތަފާސް ހިސާބުތަކަށް ބަލާއިރު، ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 އިން ފެށިގެން މިވަގުތާ ހިސާބަށްވެސް ޕާކިސްތާނުން ވަނީ ކޮވިޑް-19ގެ 4471 ކޭހެއް ރިޕޯޓްކޮށްފައެވެ. މި ވަގުތުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން 89 ޕޭޝަންޓެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ޕާކިސްތާނުން ވަނީ ރިޕޯޓްކޮށްފައެވެ. ޖުމުލަ އަދަދުތަކަށް ބަލާއިރު ޕާކިސްތާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 181088 އަށް އަރާފައެވެ. އަދި މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 3590 އަށް އަރާފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު 13 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރަމުންދަނީވެސް ޕާކިސްތާނުން ކަން ފާހަގަކުރަންޖެހެއެވެ.