މާދަމާ މަޖިލީހުގައި ބާއްވާ ޖަލްސާއަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާ ސުވާލުކުރުން އެޖެންޑާ ކޮށްފިއެވެ.

މާދަމާ ރައްޔިތުން މަޖިލިޙުގައި ބާއްވާ ޖަލްސާއަށް އިސްލާމިކް މިނިސްޓަރު ހާޒިރުކޮށް ސުވާލު ކުރުމަށް ނިންމާފައި ވަނީ މާލޭގެ މަޝްހޫރު މިސްކިތެއް ކަމަށްވާ މަސްޖިދުލް ބަހާއުއްދީން ނުވަތަ މާވެޔޮ މިސްކިތާ ގުޅޭ ގޮތުންނެވެ. މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ އިސްލާމިކް މިނިސްޓަރާ ސުވާލު ކުރެއްވުމަށް އެދި ހުށހަަޅުއްވާފައެވެ. އެގޮތުން ހައިތަމް ވަނީ މާވެޔޮ މިސްކިތް ހުޅުވޭނެ އިރެއް ސާފުކުރެއްވުމަށް އެދި ހުށަހަޅުއްވާފައެވެ.

ހައިތަމް މި ސުވާލު ކުރެއްވުމަށް އެދި ހުށަހަޅުއްވާފައި ވަނީ މި ދިޔަ ރޯދަމަހުގެ ކުރިންނެވެ.

މާވެޔޮ މިސްކިތް ޒަމާނީ ފެންވަރަށް އިމާރާތްކޮށް ނިންމާލާފައި ވާއިރު އެތަނުގައި ނަމާދުކުރަން ފަށާނީ މާލޭގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލުމާއެކު ކަމަށް މިނިސްޓަރު ޒާހިރު ވަނީ ވިދާޅުވެފައެވެ. ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަހާނުގެ އެޗްއާރުސީ ކުންފުނިން އިމާރާތްކުރަމުން އަންނަ މާވެޔޮ މިސްކިތުގެ މަސައްކަތް މިދިޔަ ރޯދަ މަހުގެ ކުރިން ނިންމައި މިނިސްޓްރީއާ ހަވާލުކުރަން އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ނުނިމި ލަސްވެފައިވާ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވެފައި ވެއެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތް ކުރުމަށް ފަހު މިހާރު މިސްކިތުގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރައްވާފައި ވެއެވެ.

ކުރިން ދެ ބުރިއަށް ހުރި މާވެޔޮ މިސްކިތަކީ 400 އެއްހާ މީހުންނަށް ނަމާދު ކުރެވޭ ވަރުގެ މިސްކިތެކެވެ. 2016 ވަނަ އަހަރުގެ ތެރޭގައި އެ މިސްކިތް ތަޅާލައި އެތަނުގައި ފަސް ބުރީގެ އިމާރާތެއް އަޅަން ނިންމިއެވެ. ނަމަވެސް ފަހުން ވަނީ މިސްކިތް އިމާރާތް ކުރާނީ ހަތް ބުރިއަށް ކަމަށް ނިންމާފައެވެ. 7 ބުރިއަށް މިހާރު އިމާރާތް ކޮށްފައި ވާ މާވެޔޮ މިސްކިތަކީ 2000 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެކެވެ.