ޝަރުއީ ދާއިރާގެ ކޯޓުތަކަށާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ "ބަނޑޭރި ޕޭ" އޮންލައިން ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަމަަޖެހިއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަރީ އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ، ދައުލަތުގެ މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާ ފަސޭހަ ކަމާއެކު ދެއްކުމަށް "ބަނޑޭރި ޕޭ" ގެ ނަމުގައި އޮންލައިން ޕޭމަންޓް ޕޯޓަލްއެއް ގާއިމްކޮށްފައި ވާ ކަމަށެވެ. އަދި އެ ޕޯޓަލް ގާއިމްކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީން ކަމަށް ޑީޖޭއޭއިން ބުނެއެވެ.

އެގޮތުން އެ ޕޯޓަލް މެދުވެރިކޮށް ޝަރުއީ ދާއިރާއަށްވެސް ފައިސާ ދެއްކުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

ބަނޑޭރި ޕޭ މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ ގޮތް ހަމަޖެހުމާއެކު ކޮވިޑާ ގުޅިގެން ފައިސާ ބަލައިގަތުމުގެ ކަންކަން ކުރިން ބަޔާންކޮށްފައިވާ ގޮތަށް ބަދަލު ގެނެވިފައިވާ ކަމަށް ޑީޖޭއިން ބުނެއެވެ. އެ ގޮތުން މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެ ޑިޕާޓްމަންޓުން ނެރެފައިވާ އިއުލާނުގައި ވާ ބޭންކް އެކައުންޓަށް ފައިސާ ބަލައި ގަންނާނީ މި މަހުގެ ނިޔަލަށް ކަމަށް ޑީޖޭއޭއިން ބުނެއެވެ. އެހެންކަމުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އެކައުންޓްތަކުން ފައިސާ ބަލައިގަތުން ހުއްޓާލެވޭނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމަށް ބަނޑޭރި ޕޭގެ ލިންކް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ. އެ ލިންކުގައި ފައިސާ ދައްކަން ބޭނުންވާ އިދާރާ ހިޔާރުކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.