ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ރެސްޓޯރަންޓުތަކާއި ކެފޭ ފަދަ ތަންތަން ބަންދުކޮށްފައި ވާއިރު އެތަންތަން އަލުން ހުޅުވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލު ކުރަން ވީ ގޮތުގެ އުސޫލު މިއަދު އާއްމު ކޮށްފައި ވާއިރު އެ އުސޫލުގައި ބުނެފައި ވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ތެރެއިން ކޮވިޑް19 ޖެހުމަށް މެދުވެރި ވަނީ އެކަމުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަމަލުތަކާއި ކަންކަން ބަހައްޓާ ގޮތްތަކުން ކަމަށެވެ.

ކޮވިޑް19 އަކީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ކުޅު ނުވަތަ އަރިދަފުހުގެ ޒަރީއާއިން އެކަކު އަނެކަކު ގަޔަށް ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެ އުސޫލުގައި ވަނީ ކޮވިޑް19 އާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ އިތުރުން ވެސް ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުން އާންމު ސާފުތާހިރުކަން ދަމަހައްޓައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ކުރެވިފައިވާ އުސޫލުތަކާއި މިންގަނޑުތައް ހިފަހައްޓަން ވާނެ ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން ކޮވިޑް19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާވާނެ ކަމަށެވެ.

އަދި މަސައްކަތު މާހައުލުގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މުވައްޒަފުންނަށް ރަނގަޅަށް ބަޔާން ކޮށްދީ، މުވައްޒަފުންނަށް ފެންނަ ގޮތަށް ލިޔެފައި ބެހެއްޓުމަށާއި ތަނަށް ޒިޔާރަތް ކުރާފަރާތްތަކާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ފެންނަގޮތަށް ބެހެއްޓުމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

ބުފޭ ފަދަ ތަންތަނުގައި ކަސްޓަމަރުން އަމިއްލައަށް އެޅުމުގެ ބަދަލުގައި ސާވް ކުރުމަށް ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުން ކަނޑައަޅާފަ ބެހެއްޓުމަށާއި އަދި އެފަދަ މުވައްޒަފުން އަންގި ލައްވާ މާސްކުއަޅައިގެން ހުރުމަށް އުސޫލުގައި އިލްތިމާސް ކޮށްފައިވެއެވެ. ބޭކަރީގެ އުފެއްދުންތައް ބަންދުކޮށްފައި ނުހުންނަ ޝެލްފެއްގައި ބަހައްޓާއިރު ހުންނަން ވަނީ ކްލިން ފިލްމް ފަދަ އެއްޗަކުން ނުވަތަ ފުޑް ގްރޭޑް ރެޕަކުން ބަންދުކޮށްފައި ކަމަށްވެސް އުސޫލުގައިވެއެވެ.

ކާބޯތަކެތީގެ މަސައްކަތުގައި އަންގި ބޭނުން ކުރާނަމަ އަންގި ލުމުގެ ކުރިންނާއި އަންގި ބަދަލު ކުރާއިރު އަދި ބޭލުމަށްފަހު ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމަށާއި ކާބޯތަކެތީގެ މަސައްކަތްކުރަން ލައްވައިގެން ހުންނަ އަންގިއާއެކު ފްރިޖުގެ ދޮރުހުޅުވުން ޑަސްބިންގެ މަތިނެގުން ފަދަކަމެއް ކޮށްފިނަމަ އަންގި ބޭލުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެގެން ނޫނީ ކާބޯތަކެތި ގެންގުޅުމުގެ މަސައްކަތް ނުކުރުމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.