ޑިންގީއެއް އިންޖީނު ހުއްޓިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، ގދ. ނަޑެއްލާ އާއި ގދ. ރަތަފަންދޫއާ ދޭތެރެއިން ދަތުރުކުރަމުން ދިޔަ ޑިންގީއެއްގެ އިންޖީން ހުއްޓިގެން އުޅޭ ކަމަުގެ މައުލޫމާތު މިއަދު ހަވީރު 4:45 ހާއިރު އެމްއެންޑީއެފް ކޯސްޓް ގާޑް، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން މިހާރު އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ޑިންގީގައި ދަތުރު ކުރީ 4 މީހުން ކަމަށް ވެސް އެމްއެެންޑީއެފުން ބުނެއެވެ.

ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތަކުގައި ސިފައިން ދަނީ އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގައި 4 މީހުންނާއެކު ދުއްވި ލޯންޗެއް ގެއްލިގެން އެމްއެންޑީއެފުން ވަނީ ހޯދާފައެވެ. އެގޮތުން ގދ.ފިޔޯރިން ހަވީރު 4:30 ހާއިރު ފުރި ލޯންޗު ހަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓުކޮށްފައިވާ އިރު، އެ ލޯންޗު ފެނިފައި ވަނީ އޭގެ 12 ގަޑިއިރު ފަހުން އައްޑު ސިޓީ ހިތަދޫގެ އުތުރުން 15 މޭލު ބޭރުންނެވެ.