ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމާއި ޕީޖީ އޮފީހާ މެދު އާއްމުންގެ އިތުބާރު ގެއްލޭ ގޮތަށް "ދިޔަރެސް" ނޫހުން ހަބަރެއް ލިޔުނު ކަމަށް ބުނެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހެޅުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ "މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މިއަދުގެ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސިކިއުޓަރު ޖެނެރަލް ހުސެއިން ޝަމީމް، އެ މައްސަލާގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވާ ކަމަށް" ބުނެ ލިޔެފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.
މިނިވަން ނޫސްވެރިކަމުގެ މައިގަނޑު އެއް ބަހާއަކީ ދެފަރާތުގެ ބަސް ހިމަނައިގެން، ތެދު ހަބަރުތައް ޝާއިއުކުރުން ކަމަށާއި ނަމަވެސް، ޕްރޮސިކިއުޓަރު ޖެނެރަލް އަށް ނިސްބަތްކޮށް، ޕްރޮސިކިއުޓަރު ޖެނެރަލް އާއި، ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހާމެދު އާންމުންގެ މެދުގައި އިތުބާރު ގެއްލޭގޮތަށް "ދިޔަރެސް" ނޫހުން ދޮގު ލިޔުމެއް ޝާއިއު ކޮށްފައިވާއިރު އެ ލިޔުމާއި ގުޅިގެން ޕީޖީ އޮފީހުގެ ބަހެއް ހޯދަން ގުޅާފައި ނުވާ ކަމަށާއި އެފަދަ މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެއެވެ.
އެއީ ނޫސްވެރިކަމުގެ އެތިކްސްއާއި، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާ ކަނޑައެޅިގެން ހިލާފު އަމަލެއްކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ މިދެންނެވި އެލިޔުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއާއި، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތަކެއް ޝާއިއުކޮށްފައިވާ ލިޔުމަކަށް ވާތީ، އެމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ގާނޫނުތައް ތަރުތީބުވެފައިވާ ގޮތުން، ތަހުގީގީ އިދާރާތަކަކީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް މިނިވަންކަމާއި މުސްތަގިއްލުކަމާއި އެކު ތަހުގީގު ކުރުމުގެ ބާރު ލިބިދީފައިވާ އިދާރާތަކެއް ކަމަށާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާއި މެދު ގޮތް ނިންމުމާއި، ތަހުގީގު ނުކުރުމަށް ނިންމުން ފަދަ ނިންމުންތަކަކީ އެފަދަ އިދާރާތަކުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެމްއެމްޕީއާރްސީ ތަހުގީގާއި ގުޅުންހުރި އެއްވެސް މީހެއްގެ މައްސަލައެއް އެ އޮފީހަށް ބަލައި ނުގަތުމަށް، ނުވަތަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އެއްވެސް އިރަކު، އެއްވެސް މީހަކަށް ނުވަތަ އިދާރާއަކަށްވިޔަސް އަންގަވާފައި ނުވަތަ އިރުޝާދު ދެއްވާފައި ނުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.