ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދަނީ މި ބިލު ދިރާސާ ކުރަމުންނެވެ. މަޖިލީހުންގެ ވަނީ މި ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހު 30 ވަނަ ދުވަހުގެ 2:00ގެ ކުރިން ހިޔާލު ހުށަހެޅުމަށް އެދިފައެވެ.

ބިލަށް ހިޔާލު ނުވަތަ ކޮމެޓެއް ހުށަހަޅުމަށް ކޮމިޓީގެ އީމެއިލް އެޑްރެސް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް މަޖިލީހުގެ ވަނީ އެދިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށްޓަކައި “ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު”ގެ ނަމުގައި ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ.

ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ހިހދުމަތުގެ އެންމެހައި ކަންކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމަށްޓަކައެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު ނަންބަރު 2008/5 (ފުލުހުންގެ ގާނޫނު) ގެ ބަދަލުގައި އާ ގާނޫނެއް ތައާރުފުކޮށް، ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުމެވެ.