ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިތުރު 2 މުވައްޒަފެއް ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ، ޕީއެސްއެމްގެ އިތުރު 2 ސްޓާފުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ތިން މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފުންނަކީ ޓެކްނިކަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މީހުންނެވެ. މީގެ އިތުރުން މި ކޭސްތަކަކީ ކުރިން ޕޮޒިޓިވްވި ކޭސްއާ ގުޅުން ހުރި ސްޓާފުން ކަން ވެސް ވަނީ އެނގިފައެވެ.

މި މަހުގެ 16 ވަނަ ދުވަހު ޕީއެސްއެމްގެ މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭނާ ޕޮޒިޓިވް ވުމާ ގުޅިގެން 8 މީހަކު އެކަހެރި ކުރިއެވެ. އޭނާ ޕޮޒިޓިވްކަން އެނގިފައި ވަނީ މަގުމަތިން ނެގި ރެންޑަމް ސާމްޕަލެއްގެ ތެރެއިންނެވެ. އޭނާއަކީ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ ސްޓާފެއް ކަމަށާއި ދަރުބާރު ގޭގައި ބާއްވާ ޕްރެސް ކޮންފަރެންސް އާއި ޓެކްނިކަލް ބައެއް މަސައްކަތްތައް ކުރުމުގައި އޭނާ ބައިވެރިވި ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ޕީއެސްއެމްގެ މުވައްޒަފެއް ޕޮޒިޓިވްވެފައި ވާއިރު މިއަދު ކްރިމިނަލް ކޯޓުގެ މުވައްޒަފަކާއި ކަރެކްޝަންސް މާލެ ޖަލުގެ އޮފިސަރެއްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން މަޖިލިސް ކުރާ ގޭގައި މަސައްކަތް ކުރާ މުވައްޒަފެއް ޕޮޒިޓިވް ވެ 29 މީހަކު ވަނީ މަސައްކަތުން އެކަހެރިވެސް ކޮށްފައެވެ.