އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ލެސެންޓަރ ސިޓީއާ ވޮޓްފަޑް ކުޅުނު މެޗްގެ ފަހު ވަގުތުކޮޅު ދެ ޓީމުން ކާމިޔާބުކުރި ދެ ލަނޑާއެކު 1-1 އަކުން މެޗް އެއްވަރު ވެއްޖެއެވެ.
ރީތީ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ދެ ޓީމަށް ވެސް ގިނަ ފުރުސަތު ތަކެއް ލިބުނު އިރު މީގެ ތެރެއިން ގިނަ ޗާންސްތައް ލިބުނީ ވޮޓްފަޑަށެވެ. މި ސީޒަންގައި ތާވާލްގެ ކުރީގައި މިހާރު އޮތް ލިވަރޕޫލް ބަލިކުރި ހަމައެކަނި ޓީމު ކަމަށްވާ ވޮޓްފަޑަށް ލަނޑުޖާހާނެ ހުސް ދެ ފުރުސަތު ލިބުނެވެ.
އެހެން ނަމަވެސް މެޗް ނިމެއް ކުޑަ ވަގުތު ކޮޅަކަށްވެފައިވަނިކޮށް ލީޑު ނަގާފައިވަނީ ލެސެޓަރ ސިޓީއެވެ. ޓޭބަލްގެ ތިން ވަނައިގައި އޮތް ލެސެޓަރގެ ގޯލް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބެން ޗިލްވެއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ލިބުނީ ޗިލްވެލްއަށެވެ.
އެހެން ނަމަވެސް މާގިނަ އިރު ތަކެއް ނުވެ ވޮޑްފަޑަށް ގްރެއިގް ޑޯސަން ކާމިޔާބުކޮށްދިން ލަނޑާއެކު ރެލިގޭޝަންއާ ހަނގުރާމަކުރަމުން އަންނަ ވޮޓްފަޑަށް މި މެޗުން ޕޮއިންޓެއް ލިބުނެވެ.
އެހެން ނަމަވެސް ސީޒަން ނިމެން އަށް މެޗަށް ވެފައިވާ އިރު ތާވާލްގެ 16 ވަނައިގައި އޮތް ވޮޓްފަޑާ ރެލިގޭޝަން ޒޯނާ އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވޮޓްފަޑްގެ ކޯޗް ނައިގަލް ޕިޔަރސަން ބުނީ އަންނަ ސީޒަންގައި ސްޕޯޓަރުންނަށް ދަނޑަށް އާދެވޭ އިރު ވޮޓްފަޑްގެ ދަނޑުން ޕްރިމިއާ ލީގުގެ މެޗްތައް ކުޅޭތަން ފެންނަން ޖެހޭނެ ކަމަށާ މި ކްލަބްގެ ޒިންމާއެއް ކަމަށެވެ.