ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ފުލުހުންގެ ހިދުމަތެއް އުފެއްދުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލަކީ ގަދަރުވެރި، ޝަރަފުވެރި، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭނެ ފުލުހުންގެ ހިދުމަތެއް އުފެއްދުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށާއި އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ހިންގި، މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ވެސް ހަސަން ލަތީފެވެ. އެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ލިބޭ ބާބެއް ހިމަނާފައި ވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ބިލުގައި މިހާރުވާ ގޮތުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށް އެންގުމުގެ ބާރު ކޮމިޓީ އަށް ލިބިދީފައި ވެއެވެ. އޭގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.
އިދިކޮޅުގެ ފާޑުކިއުން އެ ބިލަށް އަމާޒުވެފައި ވާއިރު، އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެންބަރުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވަނީ ވާހަކަ ދައްކަވާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެފައި ވަނީ ފުލުހުން މަގުމައްޗަށް ނެރެންވީ ސަރުދާރުންގެ ގޮތުގައި އަތަށް ކުދި ދަނޑިބުރި ދީފައި ކަމަށެވެ.
މީގެ އިތުރުން ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް ޒަމާނީ މުއައްސަސާއަކަށް ބަދަލުކުރަން ބޭނުންވާ އެންމެހާ މައުލޫމާތާއި އިޖުރާއަތުތައް ބިލުގައި ފުރިހަމަވާ ކަމަށާއި އެގޮތުން ބިލުގައި ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ ފުލުހުންނަށް އޮތް ހިމާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ބާބަކީ ދުވަހަކުވެސް ފުލުހުންނަށް އެ މިންވަރަށް ހިމާޔަތާއި ރައްކާތެރިކަން ނުދޭ މިންވަރަށް ކަންކަން ފޯރުކޮށްދީފައި އޮތް ބާބެއް ކަމަށާއި ފުލުހުންގެ އޮފިސަރަކަށް ވުމުގެ ފުރުސަތު ހޯދުމާއި، އެކަންކަން އިންސާފުވެރިކޮށް ގެންދިއުމަށާއި ޕްރޮމޯޝަންގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ވެސް ބިލުގައި ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައި ވާ ކަމަށެވެ.