އިންޓަނެޓް މެދުވެރިކޮށް ހެކަރުން ދެމުން އަންނަ މަތީ ފަންތީގެ ވަރުގަދަ ހަމަލާތަކެއް އޮސްޓްރޭލިއާގެ ސަރުކާރަށާ އެ ގައުމުގެ މުއައްސަސާތަކަށް އަމާޒުވެފައިވާކަމަށް، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ.

މޮރިސަން ވިދާޅުވީ އޮސްޓްރޭލިއާ ސަރުކާރުގެ ހުރިހާ ފަންތިއަކަށްވެސް ސައިބާ ހަމަލާތައް އަމާޒުވެފައި ވާ ކަމަށާ، އަސާސީ ހިދުމަތްތަކާ ވިޔަފާރިތަކަށްވެސް މި ހަމަލާތައް އަމާޒުވެފައިވާކަމަށެވެ.

މިއީ ވަކި ދައުލަތަކުން ސްޕޮންސާކޮށްގެން ދޭ ހަމަލާތަކެއް ކަމަށް އޮސްޓްރޭލިއާއިން އިޝާރާތް ކުރި ކަމުގައި ވީނަމަވެސް، އެއީ ކޮން ސަރުކާރެއް ކަމެއް މޮރިސަން ހާމަ ކުރައްވާފައެއް ނުވެއެވެ.

މި ހަމަލާގެ ސަބަބުން ޒާތީ މައުލޫމާތުތަކެއް ލީކުވެގެން ގޮސްފައި ނުވާކަން ބޮޑުވަޒީރު ވަނީ ހާމަކުރައްވާފައެވެ. އިތުރު ތަފްސީލު ދެއްވަމުން މޮރިސަން ވިދާޅުވީ މި ހަމަލާތައް އައިސްފައިވަނީ އެކި މަސްމަހުގެ މަތިން ކަމަށާ މިއަދު މި ކަން ހާމަކުރެއްވުމުގެ މައިގަނޑު މަގުސަދަކީ އާންމުންނާ ވިޔަފާރިތައް ހޭލުންތެރި ކުރުވާ، ދިފާއު ވަރުގަދަ ކުރުމަށް ހިތްވަރު ދެއްވުން ކަމަށެވެ.

ސައިބާ ޕްލެޓްފޯމު މެދުވެރިކޮށް އަމާޒު ކުރާ މިފަދަ ހަމަލާތަކުގެ ޝިކާރައަކަށް ވާ ހަމައެކަނި ގައުމަކީ އޮސްޓްރޭލިއާ ނޫންކަންވެސް މޮރިސަން ވަނީ ފާހަގަކުރައްވާފައެވެ. ފަހުގެ ތާރީހަށް ބަލާއިރު އޮސްޓްރޭލިއާގެ ނޭޝަނަލް ޔުނިވާސިޓީއާއި، ސިޔާސީ ޕާޓީތަކުގެ އިތުރުން ގާނޫނު ހަދާ މަޖިލީހަށްވެސް ހެކަރުންގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވިތަން ވަނީ ފެނިގެން ގޮސްފައެވެ.

ސައިބާ ހަމަލާތައް ޖާސޫސު ކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޮސްޓްރޭލިއާއަށް އަމާޒުވި މި ހަމަލާގެ ފަހަތުގައި އޮތީ ޗައިނާއެވެ. މި ފަރާތްތަކުން ވަކާލާތު ކުރާ ގޮތުގައި، މިވަރުގެ ހަމަލާއެއް އަމާޒު ކުރުމުގެ ގާބިލުކަން ލިބިފައިވަނީ ޗައިނާގެ އިތުރުން ރަޝިއާ، އީރާން އަދި އުތުރު ކޮރެއާއަށެވެ.