މިދިޔަ އަންގާރަ ވިލޭރޭން ފެށިގެން އިންޑިއާއާއި ޗައިނާއާއި ދެމެދު ބޯޑަރު ސަރަހައްދުގައި ބަދަލު ކުރި ހަމަލާތަކަށް ފަހު ޗައިނާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ، އިންޑިއާގެ އަސްކަރިއްޔާގެ 10 ސިފައިން ދޫކޮށްލައިފިއެވެ.

އިންޑިއާގެ ޚަބަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ޗައިނާއިން މިނިވަން ކުރި 10 މީހުންގެ ތެރޭގައި ލެފްޓިނެންޓް ކާނަލްއަކާ 3 މޭޖަރުންވެސް ހިމެނެއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މިފަދަ ކަމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އިންޑިއާ އަސްކަރިއްޔާއިން ސިފައިންތަކެއް މަދުވާ ކަމަށްވެސް އިންޑިއާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ގަލްވާން ވާދީގައި ހިންގި އަސްކަރީ ކުރިމަތިލުންތަކުގައި އިންޑިއާ އަސްކަރިއްޔާއިން 20 މީހެއްގެ ފުރާނަ ގެއްލި، 76 މީހަކު ވަނީ ޒަހަމްވެފައެވެ. ޗައިނާއާއި ވީ ފަޅިން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަކަށް ޗައިނާއިން ރަސްމީ ސިފައެއްގައި އެއްބަސްވެފައެއް ނުވެއެވެ.

އިންޑިއާއާއި ޗައިނާގެ ޒަމާންވީ ހަތުރުވެރި ގުޅުމުގެ ތެރެއިން 40 އަހަރަށްފަހު އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައިވާއިރު، ޑިޕްލޮމެޓިކް އިމުގެ ތެރެއިން މަޝްވަރާ ކޮށްގެން މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް މައުލޫމާތު ލިބެއެވެ.