މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން އެ މިނިސްޓްރީ އަށް ގުޅަންޖެހޭ ނަންބަރު ހިއްސާކޮށްފިއެވެ.

ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ނެރެފައިވާ އިއުލާނެއްގައި ބުނީ އެ ދެ މިނިސްޓްރީ އެއް ކޮށްލުމުގެ ކުރިން ކުރަމުން ގެންދިޔަ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރަން ބޭނުންވާ ނަމަ 3004303/ 4004700 އެ ނަންބަރަށް ގުޅުމަށް އެދޭ ކަމަށެވެ. އަދި ބުނީ އީމެއިލްގެ ޒަރިއްޔާ އިން މުއާސަލާތު ކުރެވޭނީ [email protected] ކަމަށެވެ.

ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު ކަމުގެ މަގާމަށް ރައީސް ސޯލިހު އައްޔަން ކުރައްވާފައިވަނީ ކުރިން ޕްލޭނިން މިނިސްޓަރަކަށް ހުންނެވި މުހައްމަދު އަސްލަމްއެވެ.

ހައުސިން މިނިސްޓްރީ އުވާލައްވާފައި މިވަނީ އެ މިނިސްޓްރީގެ މިނިސްޓަރުކަމުގައި ހުންނެވި އާތިފާ ޝުކޫރުގެ ސިއްހީ ހާލަތު ހުރި ގޮތުން މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.