ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިންގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމެވީ ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ދެވަނަ ބައްދަލުވުމުގައި ޓާސްކްފޯސްގެ ބައިވެރިންނާއި އެކު މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ރައީސް އޮފީހުން ބުނީ ގައިޑްލައިން އާއި ގުޅޭގޮތުން މަޝްވަރާކުރައްވަން ފެއްޓެވުމުގެ ކުރިން ރައީސް ސޯލިހު ވަނީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ރާއްޖޭގެ ބޯޑަރުތައް އަންނަ މަހުގެ ތެރޭގައި ހުޅުވާލާއިރު އެކަމުގައި ސަރުކާރުން ވިސްނުންގެންގުޅުއްވާ ގޮތް ބައްދަލުވުމުގެ ބައިވެރިންނަށް ހިއްސާ ކުރައްވާފައި ކަމަށެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ގައިޑްލައިންގައި ހުރި ބައެއް މާއްދާތަކާމެދު ޓާސްކްފޯހުގެ މެންބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިގޮތުން އެ ބައްދަލުވުމުގައި ޓާސްކްފޯހުގެ މެންބަރުން ހިޔާލު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިން ރާއްޖެ އަންނައިރު އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކާއި، ފަތުރުވެރިން ކޮވިޑް19 އަށް ޓެސްޓު ހެދުމާއި، އައިސޮލޭޓް ކުރުމާއި ގުޅޭގޮތުން ހުރި ބައެއް މާއްދާތަކާއި އަދި ރިޒޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކުގައި ހުރި ކަންކަން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހި ރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން އެ ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ޓާސްކްފޯހުގެ ބައިވެރިންގެ ހިޔާލުފުޅުތަކާއެކު ބައެއް މާއްދާތަކަށް ބަދަލުތަކެއް ގެންނެވުމަށް ނިންމަވާފައެވެ.

"ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ނަމުގައި ރައީސް ސޯލިހު އުފައްދަވާފައިވާ އެ ޓާސްކްފޯހުގެ މައިގަނޑު މަގުސަދަކީ ކޮވިޑް19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތުން، އިގްތިސޯދީ ގޮތުން އަވަސް ރިކަވަރީ އަކަށް ވާސިލުވެ، އަދި އިގްތިސޯދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ހިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި އެ ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.