މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީ، އިގުތިސޯދުތައް އަލުން ހުޅުވާލަން ފަށާފައި ވާއިރު، އިގުތިސޯދީ އިތުރު ކާރިސާއަކާ ކުރިމަތިލާންޖެހިއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ބޯޑަރުތައް ބަންދު ކުރުމުގެ ސަބަބުން ކަނޑުމަތީގައާއި ބަނދަރުތަކުގައި އަޅާފައިވާ ބޯޓުފަހަރުގައި 'ތާށިވެފައިވާ' ދަކުރާމީހުން ނުވަތަ އެ ބޯޓުފަހަރުގެ މުވައްޒަފުން މިހާރު ދަނީ، މަސައްކަތައިގެން ކުރިއަށް ދިއުމަށް އިންކާރުކޮށް، ބޯޓުތަކުން ފޭބުމަށް ޑިމާންޑު ކުރަމުންނެވެ.

އިންޑިއާގެ ބޯޓު ދަތުރުކުރާ ބަޔަކު/ފޮޓޯ: ޓީއޯއައި

ކޮވިޑް-19ގެ ލޮކްޑައުންގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި 200000 އެއްހާ މީހުން މިފަދަ ހާލެއްގައި ތާށިވެފައިވާކަމަށް ޚަބަރު ލިބެއެވެ. ޝިޕިންގްލައިންތައް އޮޕަރޭޓް ކުރާ ކުންފުނިތަކާ، މަސައްކަތްތެރިންގެ ޖަމިއްޔާތަކުން މައުލޫމާތު ދޭ ގޮތުގައި، ކަނޑުދަތުރުކުރުމުގެ ސިނާއަތުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މި ދިޔަ މަސްތައް ހޭދަކުރީ ބުރަ މަސައްކަތުގައެވެ. މި މީހުން މަސައްކަތް ކޮށްފައިވަނީ ކޮންޓްރެކްޓްގެ މުއްދަތުވެސް އިތުރު ކޮށްގެންނެވެ. އެގޮތުން ކާބޯތަކެއްޗާ، ހަކަތައިގެ އިތުރުން ބޭސްފަރުވާގެ ސަމާނު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ސަޕްލައި ކޮށްދިނުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް ބަޔަކީވެސް ބޯޓު ދަތުރުކުރާ މީހުންކަމަށް ޝިޕިންގްލައިންތަކާ މަސައްކަތްތެރިންގެ ޔޫނިއަންތަކުން ބުނެއެވެ.

ޗުއްޓީއެއް ނުލިބި ބޯޓުތަކުގައި ތާށިވެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން ޖެހުމުން މިފަދަ ގިނަ މުވަޒައްފުން މިހާރު ތިބީ އިންތިހާއަށް ވަރުބަލިވެފައެވެ. ޖިސްމާނީ ގޮތުން ބަލަކަމާ، ނަފްސާނީ ބަލިމަޑުކަމުގެ ބިރުވެރިކަން، ބޯޓު ދަތުރުކުރާ މީހުންގެ މެދުގައި ބޮޑު ވަމުން އަންނައިރު މީގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ ބޯޓުން ފައިބާށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ބުރަކޮށް މަސައްކަތްކުރަމުންދާ އެއް ބަޔަކީ ކަނޑުބޯޓު ފަހަރުގައި މަސައްކަތް ކުރާ މީހުން/ފޮޓޯ: ދަ މިޝަން ޓު ސީ ފެއާރާޒް

ވިލާތުގެ ޝިޕިންގްލައިން އޮޕަރޭޓް ކުރާ ކުންފުންޏެއްގެ ކެމިކަލް ޓޭންކަރެއްގައި މަސައްކަތް ކުރަމުން އަންނަ ރިޗާޑް ބާންސް ބުނީ، އެކުގައި މަސައްކަތް ކުރާ ފަޅުވެރިންނާ ކެޕްޓަނާ ރަނގަޅު ގުޅުމެއް ނެތް ބޯޓެއްގައި އުޅެންޖެހޭ މީހުންނަށް މިކަމުގެ ނުރައްކާ އެބައޮތް ކަމަށެވެ. އެގޮތުން އެފަދަ މީހުން ޑިޕްރެޝަންއަށް ދިއުމަށް ފަސޭހަ ވާނެކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޯޓު ދަތުރުކުރާ މީހުންގެ ތެރެއިން 2 ބައިކުޅަ އެއްބައިހާ މުވައްޒަފުން ތަމްސީލު ކުރާ ދި އިންޓަނޭޝަނަލް ޓްރާންސްޕޯޓް ވޯކާޒް ފެޑަރޭޝަން އިން ބުނީ، ކުއްލި ހާލަތުގައި ކޮންޓްރެކްޓް އިތުރުކޮށްގެން މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު މިދިޔަ އަންގާރަ ދުވަހު ހަމަވެފައިވާކަމަށެވެ. އަދި މަސައްކަތް ހުއްޓާލުމަށްފަހު އެނބުރި އަމިއްލަ ވަޒަނަށް ދިއުމަށް މަސައްކަތްތެރިންނަށް ލިބިދީފައި އޮންނަ ހައްގު ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް އެ ފެޑެރޭޝަނުން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ލޮކްޑައުންގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި 200000 އެއްހާ ބޯޓުދަތުރުކުރާ މީހުން ވަނީ ކަނޑުމަތީގައި ތާށިވެފަ/ފޮޓޯ: ފެދޮމް ވޯލްޑް

އދގެ ވޯލްޑް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓްގެ ރެކޯޑްތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުފުލާ މުދަލުގެ 80 ޕަސެންޓް މުދަލަކީ ކަނޑު ބޯޓުފަހަރުގައި އުފުލާ މުދަލެވެ. ނަމަވެސް، ކޮވިޑް-19އާއެކު ކަނޑު ބޯޓުފަހަރުގެ ދަތުރުފަތުރުގެ ސިނާއީ މަސައްކަތަށް ވަނީ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިފައެވެ.