ކުޑަކުދިން ބޭރަށް ގެންދިއުމުގައި ސަމާލުވާންވީ ކަންކަން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ މި ދުވަސްވަރު ކުޑަކުދިން ހޭންޑް ސެނިޓާއިޒާ ބޭނުން ކުރުމުގެ އާދަ އަށަގެންނެވުމަށް މަސައްކަތް ކުރުމަށް މުހިންމު ކަމަށެވެ. އަދި ބޭރަށް ގެންދާއިރު، ގިނަ ކުދިން އެއްކޮށް ގާތްގާތުގައި އުޅޭނެ ޕާކް ފަދަ ތަންތަނަށް ނުގެންގޮސް، އާއިލާ ތެރޭގައި ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑރ. އަފްޒަލް ވަނީ ކުޑަކުދިންނަށް ހާއްސަކޮސްފައިވާ ދެ ގަޑިއިރު، އެހެން މީހުން ބޭރު ތެރޭގައި ނޫޅުމަށް އިލްތިމާސްކުރައްވާފައެވެ. ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ގަޑިއަކީ ހަވީރު 4:00 އިން 6:00 އެކެވެ.

ލޮކްޑައުނަށް ލުއި ދިނުން: ކުޑަކުދިންގެ ދެ ގަޑިއިރު / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ޑރ. އަފްޒަލް މިހެން ވިދާޅުވެފައިވާއިރު، އޭނާ ވަނީ މީގެ ކުރިން، ކުޑަކުދިން މާސްކު އެޅުވުމުގައި ވެސް ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކުޑަކުދިން މާސްކު އަޅުވާނަމަ، އެއީ އަމިއްލައަށް މާސްކު ނަގާ، މާސްކުގެ ބޭރުގައި އަތްލާ ނަހަދާނެ ކުއްޖެއް ކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ދެ އަހަރުން ދަށުގެ ކުޑަކުދިން މާސްކު ނޭޅުވުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ނިއު ނޯމަލް: މާސްކު އަޅާއިން އުޅޭ މީހެއް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ކުޑަކުދިންގެ އިތުރުން، ކަސްރަތު ކުރަން ނިކުމެ އުޅޭ މީހުން ވެސް މާސްކު ނޭޅުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ވެސް ނޭވާ ހާސްވާ މީހުން ރަނގަޅީ މާސްކު ނޭޅުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުުރުން އޭނާ ވަނީ އުމުރުން ދުވަސްވީ މީހުން ބޭރަށް ނިކުތުމަށް ހާއްސަ ކޮށްފައިވާ ގަޑި، ހެނދުނު 5:00 އިން 9:00 އާ ދޭތެރޭ އެހެނިހެން މީހުން ބޭރުގައި ނޫޅުމަށް އިލްތިމާސްކޮށްފައެވެ.