މިހިނގާ 2020 ވަނަ އަހަރު ނިމޭއިރު ދިވެހިރާއްޖޭގެ ސަރުކާރު ދަރަނިވެރި ވެފައިވާ މިންވަރު އުޅެނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ 78.9 ޕަސެންޓްގައި ކަމަށާ، މީގެ ގާތްގަނޑަކަށް 45 ޕަސެންޓް ދައްކާ ހަލާސް ކުރަންޖެހެނީ ޗައިނާއަށް ކަމަށް ވޯލްޑް ބޭންކު ގުރޫޕުން އާންމުކުރި ރިޕޯޓެއް ބުނެފިއެވެ.
"މޯލްޑިވްސް ޑިވަލޮޕްމަންޓް އަޕްޑޭޓް އިން ސްޓޯމީ ސީޒް" ގެ ނަމުގައި ވޯލްޑް ބޭންކު ގުރޫޕުން އާންމުކޮށްފައިވާ ރިޕޯޓް ލަފާކުރާ ގޮތުގައި މިހިނގާ 2020 ވަނަ އަހަރު ދިވެހި ސަރުކާރު ދަރާފައިވާ ދަރަނީގެ މިންވަރު އިތުރުވެގެންދާއިރު، ބޭރު ގައުމުތަކަށް ދަރާފައިވާ ދަރަނީގެ އަގު 219.2 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި މީގެ ގާތްގަނޑަކަށް 45 ޕަސެންޓަކީ ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންޖް (އެގްޒިމް) ބޭންކާ، ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކު އަދި ޗައިނާ ޑިވަލޮޕްމަންޓް ބޭންކަށް ދައްކާ، ހަލާސްކުރަންޖެހޭ ފައިސާ ކަމަށްވެސް ވޯލްޑް ބޭންކު ގުރޫޕުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މިދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އިގުތިސޯދީ އަދި މާލީ ކާރިސާއެއްގެ ތެރޭގައި އޮތް ދަނޑިވަޅެއް ނަމަވެސް، ކޮވިޑް-19ގެ ކުރިންވެސް ބޭރު ގައުމުތަކަށް ދިވެހިރާއްޖެ ދަރާފައިވާ ދަރަނީގެ ބޮޑު ކަމާ މެދު ކަންބޮޑުވުންތަކެއް ހުރިކަންވެސް ވޯލްޑް ބޭންކު ގުރޫޕުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިންތިހާބީ ވައުދުތައް ފުއްދުމައިގެން ސަރުކާރުގެ ޕްލޭންތައް ތަންފީޒު ކުރަމުންދިޔައިރު، އަހަރުން އަހަރަށް ދައުލަތުގެ ޚަރަދުތައް ދިޔައީ ބޮޑުވަމުން ކަމަށާ، ނަމަވެސް ދައުލަތަށް އެހީގެ ގޮތުގައި ލިބުނު އެއްޗަކާ، އާމްދަނީގެ ގޮތުގައި ލިބުނު އެއްޗެއް އިތުރުވީ މަދު މިންވަރަކަށް ކަމުން، ކޮވިޑް-19ގެ އިގުތިސޯދީ ޝޮކް އައުމުގެ ކުރިންވެސް ރާއްޖޭގައި ފިސްކަލް ޑެފިސިޓްގެ ކަންބޮޑުވުންތައް އުޅުނުކަމަށް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ކުރީގެ ސަރުކާރުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދަރަންޏަށް ފައިސާ ނަގަމުންދިޔަ ކަމުގެ ވާހަކަތަކެއް ދިވެހި ހާރިޖީ ވަޒީރު ދެއްކެވި ކަމަށް ދިވެހި ހާރިޖީ ވުޒާރާއިން ހުސްވި އަހަރުގެ ޑިސެމްބަރު މަހު ކުރި ޓްވީޓްއެއްގައި ވަނީ ފާހަގަކޮށްފައެވެ.