ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިފައިވާ އިންޑިއާ އަދި ޕާކިސްތާނުން އަނެއްކާވެސް ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓްކޮށްފިއެވެ.

ޕާކިސްތާނުގެ ހާލަތަށް ބަލާއިރު ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 އިން ފެށިގެން މި ވަގުތާ ހިސާބަށް 5839 ޕޮޒިޓިވް ކޭސް، އަދި 136 މަރުގެ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ޕާކިސްތާނުން ލިބިފައިވާ ޖުމުލަ އަދަދުތަކަށް ބަލާއިރު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 154760 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 2975 އަށް އަރާފައެވެ.

ޕާކިސްތާނުގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފަރުވާ ދެމުންދަނީ 93348 މީހަކަށެވެ. މީގެ ތެރޭގައި ހާލު ސީރިއަސް/ކުރިޓިކަލް 111 ޕޭޝަންޓަކު ހިމެނެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު މިހާރު 15 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރަމުންދަނީ ޕާކިސްތާނުންނެވެ.

ކޮވިޑް-19ގައި އިންޑިއާއިން މަރުވި މީހެއްގެ ހަށިގަނޑު އުފުލަނީ/ފޮޓޯ: ޝައިހް ސާލިގު

އަވަށްޓެރި އިންޑިއާގެ ހާލަތަށް ބަލާއިރު، ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 އިން ފެށިގެން މި ވަގުތާ ހިސާބަށް 899 ޕޮޒިޓިވް ކޭސް ރިޕޯޓްކޮށްފައިވާއިރު ޖުމުލަ ކޭހުގެ އަދަދު މިހާރު ވަނީ 355060 އަށް އަރާފައެވެ. އިންޑިއާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 11922 އަށް އަރާފައެވެ.

އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފަރުވާ ދެމުންދަނީ 155420 މީހަކަށެވެ. މީގެ ތެރޭގައި ހާލު ސީރިއަސް/ކުރިޓިކަލް 8944 ޕޭޝަންޓަކު ހިމެނޭއިރު، މިއީ ދުނިޔޭގެ ނިސްބަތުން 2 ވަނައަށް ރެކޯޑް ކޮށްފައިވާ އެންމެ މަތީ އަދަދެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއިން އަދި މިހާތަނަށް ހަދާފައިވަނީ އެންމެ 6 މިލިއަން ޓެސްޓެވެ. ކަންމިހެން އޮތްއިރު، އިންޑިއާގައި ބަލި ފެތުރިފައިވާ ހަގީގީ މިންވަރު އަދިވެސް ސާފު ނުވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއަކީ 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރަމުންދާ ގައުމެވެ.