ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު އެންމެ ފުރަތަމަވެސް ހުއްޓުމަކަށް އައި އެއް ސިނާއަތަކީ ވައިގެ އުދުހުންތަކުގެ ސިނާއަތެވެ. ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ވައިގެ އުދުހުންތަކަށް ބަރޯސާވެގެން އުޅުނު ގިނަ ބައެއްގެ ދިރިއުޅުންވެސް ހުއްޓުމަކަށް އައެވެ. ދިރިއުޅުމައިގެން ކުރިއަށްދާނެ އެހެން މަގުތައް ހޯދަން މަޖުބޫރުވިއެވެ. މީގެ ތެރޭގައި ޕައިލެޓުންވެސް ނުހިމެނެއެކޭ ނުދެންނެވޭނެއެވެ.
ވައިގެ މަގުން ދުއްވެން ނެތުމުން ބައެއް ޕައިލެޓުން މިހާރު މަސައްކަތް ފަށާފައިވަނީ އެއްގަމު މަގުންނެވެ. ބައެއް މީހުން މިސްރާބު ޖެހީ ޓެކްސީ ޑްރައިވަރުންގެ ގޮތުގައި ހިދުމަތް ދިނުމަށެވެ. އަނެއް ބައި ޕައިލެޓުން މިސްރާބު ޖެހީ ސައިކަލުތަކުގައި ކާބޯތަކެތި ޑެލިވާ ކުރުމުގެ ހިދުމަތަށެވެ.
މިފަދަ އެކަކީ ތައިލޭންޑްގެ ކޯ-ޕައިލެޓެއްގެ ގޮތުގައި އުދުހެމުންދިޔަ ނަކާރިން އިންޓާއެވެ. ކޮމާޝަލް ދަތުރުތަކުގައި އޭނާ ހިދުމަތް ކުރަމުން އަންނަތާ މިހާރު 4 ވަރަކަށް އަހަރުވެއްޖެއެވެ. ނަމަވެސް މިއަދު އޭނާއަކީ ތައިލޭންޑްގައި މެސެންޖާ މެދުވެރިކޮށް ކާބޯތަކެތި ފޯރުކޮށްދޭ އެޕްލިކޭޝަންއެއް ކަމަށްވާ ލައިން މޭންއަށް އަންނަ އޯޑަރުތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅޭ 'ޑެލިވަރީ ބޯއީ' އެކެވެ.
ނަކާރިން ކިޔައިދިން ގޮތުގައި ވައިގެ އުދުހުންތަކުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އައި ބައެއް މީހުންނަށް އެއްވެސް ވަރެއްގެ އުޖޫރައެއް ނުލިބެއެވެ. އަދި އޭނާ ފަދަ ގިނަ މުވައްޒަފުންނަށް ލިބެމުން އައި މުސާރައިން 70 ޕަސެންޓަށްވުރެ ބޮޑު ބައެއް ކަނޑާލާފައިވާކަމަށްވެސް ނަކާރިން ބުންޏެވެ. ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް ހިނގާވަރުން ހިނގާ ކަމަށާ، އިތުރު މަސައްކަތްތައް ހޯދަން މަޖުބޫރުވެފައި ވާ ކަންވެސް އޭނާ ފާހަގަކުރިއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަން ފެށި ފިޔަވަޅުތަކާއެކު އޮންލައިންކޮށް ކާބޯތަކެތި ޑެލިވާ ކުރަން އަންނަ އޯޑަރުތައް އިތުރުވާން ފެށީ އިންތިހާއަށެވެ. ރަހުމަތްތެރި ޕައިލެޓެއްގެ ފަރާތުން ލިބުނު އިޝާރާތަކާއެކު، ކާބޯތަކެތި ޑެލިވާ ކުރުމުގެ މަސައްކަތަށް ނަކާރިން ނިކުތީއެވެ. އަނބިމީހާއާއި 4 އަހަރުގެ ދަރިފުޅުގެ ޚަރަދުތައް ކޮންމެވެސް ވަރަކަށް ދެކޮޅު ޖައްސާލުމަށެވެ.
"އިންދާ އިނދެގެން އެހީ އާދޭތޯ އުއްމީދެއް ނުކުރެވޭނެ. އާއިލާގެ ހައްގުގައި ހަނގުރާމަ ކުރަން އެބަޖެހޭ. ދެއަތް އެބައޮތް. ސައިކަލެއް އެބަހުރި. އެހިސާބުން އަހަރެންނަށް ޕާޓް ޓައިމް ޖޮބެއް އެ ލިބުނީ. މިހާރު އަހަރެންމީ ކާބޯތަކެތި ޑެލިވާ ކުރާ މީހެއް" ނަކާރިން ކިޔައިދިނެވެ.
އުމުރުން މިހާރު 42 އަހަރު ފުރިފައިވާ ނަކާރިންގެ ހުރިހާވެސް އުއްމީދަކަށްވީ ވައިގެ އުދުހުންތަކެވެ. ނަމަވެސް ވައިގެ އުދުހުންތަކުގެ ސިނާއަތަށް އަރަމުންދިޔަ ލޮޅުންތަކާއެކު ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތައިގެން ނުއުޅެވެސް ދުވަސްގަނޑަކު އޭނާ ހުއްޓެވެ. ނަމަވެސް ހެޔޮ އަގުގައި ކުރާ ކޮމާޝަލް ދަތުރުތަކުގެ ވިޔަފާރި މެކުހަށް ޖަހާތަން ފެނުމާއެކު ނަކާރިންވެސް އެދިމާލަށް މިސްރާބު ބަދަލުކޮށްލިއެވެ. ތައި ލަޔަން އެއާއާއި ގުޅި، ޕައިލެޓްކަން ކިޔަވަން ފެށާ، ސަނަދު ހާސިލުކޮށް، އުދުހެން ފެށިއެވެ.
ޕައިލެޓެއްގެ ގޮތުގައި މަހެއްގެ މައްޗަށް ނަކާރިންއަށް 6000-8000 ޑޮލަރު ލިބެމުންދިޔައެވެ. ކޮވިޑް-19ގެ ލޮކްޑައުންއާއި ކުރިމަތިވެ، ފްލައިޓްތައް ގްރައުންޑްކޮށްފައިވާއިރު، މިއަދު ދުވާލެއްގެ މައްޗަށް 30 ޑޮލަރު ލިބުމަކީވެސް ނަކާރިންއަށް ލިބޭ ބޮޑު އުފަލެކެވެ. ޕާޓްޓައިމް ވަޒީފާއިން ފުރަތަމަ އޯޑަރެއް ޑެލިވާ ކުރަން ލިބުމުންވެސް އިންތިހާއަށް އުފާވިކަން ނަކާރިން ފާހަގަކުރިއެވެ.
ނަކާރިން ބުނާ ގޮތުގައި ތައިލޭންޑްގެ 50 އަކަށް ޕައިލެޓުންގެ އަދުގެ ދިރިއުޅުމަކީ މިއީއެވެ. ޓެކްސީ ކުރުމާ ޑެލިވަރީ ކުރުމުގެ މަސައްކަތަށް ޕައިލެޓުން ނިކުމެފައިވާއިރު، މި ހިދުމަތްތަކުން މިހާރު ފެންނަނީ އެންމެ ޒަމާނީ ވެހިކަލްތަކެވެ.