ޗައިނާގެ ވެރިރަށް ބެއިޖީންގްގައި އަލުން ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން، އެ ސިޓީގެ 16 ޑިސްޓްރިކްޓްގެ ތެރެއިން 9 ޑިސްޓްރިކްޓަކަށް ފޯރާފައިވާކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ (ސީސީޓީވީ)އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ބެއިޖީންގްއިން އަލަށް ފެނުނު ކޮވިޑް-19 ކްލަސްޓާއިން ބަލި ފެތުރެމުންދާ ދިއުން ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެ ސިޓީގެ ބޮޑު ސަރަހައްދެއް އަނެއްކާވެސް ވަނީ ލޮކްޑައުން ކޮށްފައެވެ. ކިންޑާގާޓަންއިން ފެށިގެން މިޑްލް ސްކޫލް ލެވަލްގެ ކުލާސްތަކުގެ ކިއެވުން މެދުކަނޑާލާ ސްކޫލްތައް ބަންދުކޮށްފައިވާއިރު، ޖޫނިއާ އަދި ފައިނަލް އިޔާގެ ގުރޭޑްތަކަށް ކިޔަވާ ދަރިވަރުންގެ ކުލާސްތައް އަނެއްކާވެސް ވަނީ އޮންލައިން ޕްލެޓްފޯމަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން ބެއިޖީންގްގެ ވައިގެ އުދުހުންތަކުގެ 70 ޕަސެންޓަށްވުރެ ބޮޑު ބައެއް ވަގުތީ ގޮތުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

ފައިތުވީ 5 ދުވަހުގެ ތެރޭގައި ބެއިޖީންގްއިން ލޯކަލް ޓްރާންސްމިޝަންގެ ގޮތުގައި ފެތުރުނު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އަށްވުރެ މައްޗާށް އަފާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. މި ކޭސްތައް ގުޅިފައިވަނީ ބެއިޖީންގްގައި ހިންގާ އެންމެ ބޮޑު ހޯލްސޭލް ބާޒާރު ކަމަށްވާ ޝިންފާދީއާއެވެ.