ސަރަހައްދީ އިމުގެ މިލްކުވެރި ކަމުގެ މައްސަލާގައި އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައިވާ އިންޑިއާއާއި ޗައިނާއިންވެސް ބޯޑަރުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ސުލްހަވެރި ހައްލެއް ހޯދަން ބޭނުންވާކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށް އެމެރިކާގެ ހާރިޖީ ވުޒާރާއިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ އުސް ސަރަހައްދުތަކުގެ ގޮތުގައި ސިފަކުރަމުން އަންނަ ހިމާޔަލާސް ފަރުބަދަމަތީ ސަރަހައްދުގައި އިންޑިއާއާއި ޗައިނާގެ އަސްކަރިއްޔާއިން ކުރިމަތިލުމަކަށް ދިޔައީ އަންގާރަ ވިލޭރޭގެ ވަގުތެއްގައެވެ. މި ހަމަލާތަކުގައި އިންޑިއާގެ ބާރުތަކަށް ނިސްބަތްވާ 20 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، ޗައިނާއާއި ވީ ފަޅިންވެސް ބައެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި 2 ގައުމުގެ ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: އޭޝިއާ ޓައިމްސް

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ އޭޝިއާގެ އެންމެ ވަރުގަދަ 2 ބާރު ކަމަށްވާ އިންޑިއާއާއި ޗައިނާއަކީ ސަރަހައްދީ އިމުގެ ބޯޑަރުން ބޮޑު ސަރަހައްދެއް ހިއްސާކުރާ ދެ ގައުމެވެ. ދެ ގައުމު ގުޅޭ ސަރަހައްދުން ގާތްގަނޑަކަށް 3500 ކިލޯމީޓަރުގެ ސަރަހައްދެއް ހިއްސާކުރާއިރު، މި ސަރަހައްދުގެ މިލްކުވެރިކަން ބައިކުރެވިފައިވާ ގޮތާ މެދު ބޮޑެތި ހިލާފުތަކަކާ، ދެބަސްވުންތަކެއް ވަނީ އުފެދިފައެވެ.

ކަންމިހެން އޮތް ނަމަވެސް، ހޯމަ ދުވަހުގެ ރޭ ހިންގި އަސްކަރީ ކުރިމަތިލުންތަކަކީ، 1975 ވަނަ އަހަހަރަށްފަހު މި 2 ބާރުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމަކަށް ގޮސް ސިފައިންތަކެއްގެ ފުރާނަ ގެއްލިދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކުރަންޖެހެއެވެ.

ކުރިމަތިލުމަކަށް ދާންޖެހުނީ ކީއްވެ؟

އޭޝިއާގެ 2 ސުޕާޕަވަރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ އަދުގެ ދުނިޔޭގައި ހަތުރުންގެ ދަރަޖާގައި އޮތް އިންޑިއާއާއި ޗައިނާއާއި ދެމެދު ދިގުލާ ގޮސްފައިވާ، ބޮޑު މައްސަލައެކެވެ. 1962 ވަނަ އަހަރު، މި މައްސަލާގައި ހަނގުރާމައެއްވެސް ކުރިއެވެ. އަދި މި ފަހަކަށް އައިސް މި ނުތަނަވަސްކަން އިތުރުވާން ފެށިއެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އިންޑިއާއިން ތަރައްގީ ކުރި މަގު/ފޮޓޯ: ޕްރެސް އިންފޮމޭޝަން ބިއުރޯ

ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަންވެސް ލިބިފައިވާ މި 2 އަވަށްޓެރިންގެ ގުޅުން އިތުރަށް ނުތަނަވަސްވީ މިއަހަރުގެ މެއި މަހުގެ ތެރޭގައި، އިންޑިއާގެ ލަދަކްއޭ ކިއުނު ސަރަހައްދުގައެވެ.

އިންޑިއާއިން ބުނަމުންދަނީ އެ ގައުމާ ވީ ސަރަހައްދަށް ޗައިނާގެ އަސްކަރިއްޔާއިން ބޯޑަރު ހުރަސްކޮށް ވަދެ، ޓެންޓު ޖަހާ، ގާޑު ޕޯސްޓްތައް ގާއިމުކޮށްފައި ވާކަމަށެވެ. އަދި އިންޒާރުތަކަށްވެސް ޗައިނާއިން ބޯލަނބާފައި ނުވާކަމަށެވެ.

މެއި 9 ވަނަ ދުވަހުވެސް ކުރިމަތިލުންތަކެއް ހިންގިއެވެ. ހަމަލާ ބަދަލުކުރެވިގެންދިޔައީ ގޮށްމުށުގެ ބާރާ، އޮއްގަލުންނެވެ.

އިންޑިއާގެ އޮފިޝަލުން ވަކާލާތު ކުރައްވާ ގޮތުގައި ޖެހިގެން އައި ދުވަސްތައް ވެގެންދިޔައީ ޗައިނާއިން އިންޑިއާގެ ފަސްގަނޑަށް ވެރިވެގަންނަމުން ދިޔަ ދުވަސްތަކަކަށެވެ. މިއާއެކު އިންޑިއާއިންވެސް ދިޔައީ އެ ސަރަހައްދުގައި އަސްކަރީ ބާރުވެރިކަން ގަދަ ކުރަމުންނެވެ.

އިންޑިއާއާއި ޗައިނާއާއި ދެމެދު ބޯޑަރު މައްސަލާގައި ކުރިމަތިލުމަކަށް ގޮސްފައިވާ ލަދަކްއޭ ކިއުނު ސަރަހައްދުގައި އަސްކަރީ ހަރަކާތްތަކެއް ކުރިއަށްދަނީ/ފޮޓޯ: އިންޑިއަން އެކްސްޕްރެސް

މި ނުތަނަވަސްކަން ހައްލު ކުރުމަށް ދެ ގައުމުގެ އަސްކަރީ އިސް އޮފިޝަލުންގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ފެށިއެވެ. ނަމަވެސް ބިނާކުރަނިވި ސުލްހަވެރި ނަތީޖާއެއް އަދިވެސް ނެރެވޭ ގޮތް ނުވެ އުޅެނިކޮށް ހޯމަ ވިލޭރޭގެ ކުރިމަތިލުން ހިންގީއެވެ.

މިކަމާ ގުޅިގެން، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި އޮތް އެމެރިކާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާއާއި އިންޑިއާ ހިއްސާކުރާ ބޯޑަރު ސަރަހައްދު ނުވަތަ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ސަރަހައްދުގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން އެމެރިކާއިން ބަލަމުން އަންނަ ކަމަށެވެ. އަދި އެމެރިކާއިންވެސް އެދެނީ ސުލްހަވެރި އިމެއްގެ ތެރެއިން މިކަން ހައްލުވެގެން ދިއުން ކަމަށް އެމެރިކާގެ ހާރިޖިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.