2019 ވަނަ އަހަރު އެޕަލް ސްޓޯރުގެ ޕްލެޓްފޯމުގައި ބައި ޓްރިލިއަން ޑޮލަރުގެ ވިޔަފާރިއަށް މަގުފަހި ކޮށްދެވިފައިވާ ކަމަށް މަޝްހޫރު އެޕަލް ކުންފުނިން ހާމަކޮށްފިއެވެ.

އެޕަލް ކުންފުނިން ބުނީ މި ވިޔަފާރި ޓްރާންސެކްޝަންތަކުގެ ތެރެއިން 85 ޕަސެންޓް މުއާމަލާތަކީ އެޕަލް ކުންފުންޏަށް ކޮމިޝަނެއްވެސް ނަގާފައިވާ މުއާމަލާތްތަކެއް ނޫން ކަމަށެވެ.

އެޕަލް ކުންފުނީގެ ޚަރަދުގައި، 'އެނަލިސިސް ގްރޫޕް' އިން ކުރިއަށް ގެންދިޔަ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އައިއޯއެސް، މެކް، ވޮޗް އަދި އެޕަލް ޓީވީ ފަދަ ޕްލެޓްފޯމުތަކުގެ ވިޔަފާރީގެ މުއާމަލާތްތަކަށެވެ. މި ހޯދުންތަކުން ދެއްކި ގޮތުގައި އެޕަލްގެ ސޮފްޓްވެއާ ބޭނުންކޮށްގެން ކުރި ވިޔަފާރީގެ އަގު 519 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް ހަރު މުދަލާ އޯފްލައިން ހިދުމަތްތަކުގެ އެވެ. އެގޮތުން ހަރު މުދަލާ އޯފްލައިން ހިދުމަތްތަކަށް އެޕަލް ޕްލެޓްފޯމް މެދުވެރިކޮށް 413 ބިލިއަން ޑޮލަރު، 2019 ވަނަ އަހަރު ހޭދަކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

ކުރިއަށް އޮތީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ޑިވަލޮޕަރުންގެ ކޮންފަރެންސް ކަމަށްވާއިރު، ދާއިރާގެ ފުންނާބު އުސް ފަރާތަކުން ވަނީ، އެޕަލް ކުންފުނިން ނަގަމުންދާ ފީތައް ކުޑަކުރުމަށް ގޮވާލާފައެވެ.