ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ދަށަށް ގޮސްފައި ވާތީ މި ވަގުތު މިނިމަމް ވޭޖް ކަނޑައެޅަން ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަށް އޭނާ ތާއިދު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވެން އޮތީ މި އަހަރުގެ ޖެނުއަރީގައި ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އަނބުރާ ދެވުނު ދުވަހަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީގައި އޮތް ހިސާބަށް ރާއްޖޭގެ އިގްތިސާދަށް ދެވޭނެ ކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިނިވަން ވޭޖް ކަނޑައެޅުމުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން."
އިބްރާހިމް އަމީރު

މިވަގުތު ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ 44،838 މުވައްޒަފުންގެ ތެރެއިން 22،378 މުވައްޒަފުން އަކީ އަސާސީ މުސާރައިގެ ގޮތުގައި 6،400 އަށް ވުރެން ދަށުން ލިބޭ މުވައްޒަފުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ވަގުތު މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ މުސާރައިގެ ބަދަލައް އަންނާނެ ތަފާތުގެ އެސްޓިމޭޓުން ދައްކާގޮތުގައި ދައުލަތުން މުސާރައާއި ޕެންޝަނަށް ހިނގާ ހަރަދުން ގާތްގަޑަކަށް 3.7 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމުން، މުސާރައިގެ އޮނިގަނޑަށް އަންނަ ބަދަލާ އެކު ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން މިހާރުވެސް އެ އަދަދަށް ވުރެ މަތިން މުސާރަ ލިބޭ 21،974 މީހެއްގެ މުސާރަ ބޮޑު ކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު 6400 ރުފިޔާއަށް މިނިވަން ވޭޖް ޖެއްސީމަ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ފާހަގަކުރެވެނީ 486 މުވައްޒަފުންނަށް ކަމަށް މިނިސްތަރު ވިދާޅުވިއެވެ.

މިނިމަމް ވޭޖް ތަންފީޒު ކުރުމުގައި ދިވެހިންނާއި ބިދޭސީން ތަފާތު ނުކުުރުމަށް ޕޭ ކޮމިޝަނުން ލަފާދީފައިވާ ކަން މިނިސްޓްަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިނިމަމް ވޭޖް ކަނޑައަޅައިފިނަމަ ރާއްޖެއިން ބޭރުވެގެންދާ ބޭރު ފައިސާ އަނެއްކާ ވެސް އިތުރުވެގެން ދާނެ ކަމަށާއި 6400 ރުފިޔާގެ މިންގަނޑުން ބަލާ ނަމަ 270.8 މިލިއަން ޔޫއެސް ޑޮލަރު އިތުރުވާނެ ކަމަށް ސާވޭއިން ދައްކާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް ބޭރު ފައިސާ ލިބެމުން ދިޔަ ޓޫރިޒަމް އެކީ ހުއްޓިފައި ވާތީ މިވަގުތަކީ ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތި ދުވަސްވަރެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރުވެސް ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައަޅަން ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށެވެ. އަދި ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ވަރަށް ވިސްނާފައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާއި 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެއެވެ. މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް، މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މިިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހު، މެއި މަހުގެ އެއްވަނަ ދުވަހުއެވެ.