އިންތިހާއާއަށް ނުތަނަވަސްވެފައިވާ އިންޑިއާ-ޗައިނާ ބޯޑަރުގައި ވަރުގަދަ ކުރިމަތިލުމެއް ހިންގާ އިންޑިއާއާއި ވީ ފަޅިން 3 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ކުރިއަށްދިޔަ 'ނުރައްކާތެރި ކުރިމަތިލުމުގައި' އިންޑިއާގެ އޮފިސަރަކާ އަސްކަރިއްޔާގެ 2 މެމްބަރެއްގެ ފުރާނަ ގެއްލިފައިވާކަމަށް އިންޑިއާގެ އަސްކަރިއްޔާއިން އާންމު ކުރި ބަޔާނަކާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ގަލްވާން ވާދީގައި މި ކުރިމަތިލުން ހިންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާ، ސަރަހައްދީ އިމުގެ ދެފަޅީގައި ތިބި ފަރާތްތަކަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ބުނެއެވެ.

މި ދަނޑިވަޅަކީ މަސްރަހު ނުތަނަވަސްވެފައިވާ ބޯޑަރު މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދެގައުމުގެ އަސްކަރީ އިސް އޮފިސަރުން ބައްދަލު ކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ. ދުނިޔޭގެ އެންމެ އުސް ސަރަހައްދުގެ ގޮތުގައި ސިފަކުރަމުން އަންނަ ހިމާޔަލާސް ފަރުބަދަބަރީގެ މަތީގައި އޭޝިއާގެ އެންމެ ވަރުގަދަ 2 ބާރު ކަމަށްވާ އިންޑިއާއާއި ޗައިނާއިން ނުތަނަވަސްކަމެއްގެ ތެރޭގައި ތިބޭތާ މިހާރު ހަފުތާތަކެއް ވެއްޖެއެވެ.

އިންޑިއާ އަސްކަރިއްޔާގެ ބަޔާނާ ގުޅިގެން ޗައިނާގެ ހާރިޖިއްޔާއަށް އޭއެފްޕީއިން ކުރިމަތި ކުރި ސުވާލެއްގެ ޖަވާބުގައި ޗައިނާއިން ބުނީ، ބޯޑަރު ހުރަސްކޮށް ޗައިނާއާއި ވީ ފަޅިއަށް އެރީ އިންޑިއާއިން ކަމަށާ، އިންޑިއާއިން ޗައިނާގެ މެމްބަރުންނަށް ހަމަލާ ދީފައި ވާ ކަމަށެވެ. އެއްބަސްވުންތަކާ ހިލާފަށް 2 ފަހަރެއްގެ މަތިން ހޯމަ ދުވަހު އިންޑިއާގެ އަސްކަރިއްޔާއިން ބޯޑަރު ހުރަސްކުރި ކަމަށާ، ޗައިނާގެ އަސްކަރީ ސިފައިންނަށް ހަމަލާދީ، ސީރިއަސް ކުރިމަތިލުންތަކަކަށް ދިޔައީ ކަމަށް ޗައިނާގެ ހާރިޖީ ވަޒީރާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާއާއި ޗައިނާއިން ވަނީ ޑިޕްލޮމެޓިކް އިމުގެ ތެރެއިން ބޯޑަރު މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން އެއްބަސްވެފައެވެ.