އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ނެތި ސްކޫލްތަކުގެ ބެޖު ބޭނުން ނުކުރުމަށް އަންގައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ބެޖުތަކަކީ އެ މިނިސްޓްރީގެ ފިކުރީ މުދަލެއް ކަމަށެވެ. އަދި ސްކޫލު ޔުނިފޯމުގައި ބޭނުން ކުރުމަސް ފަރުމާކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުން ކުރަން ވާނީ އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް އެ ބަޔާނުގައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރަކަށް އައިސް އެ މިނިސްޓްރީގެ ހުއްދަ ނެތި ބައެއް ފަރާތްތަކުން ސްކޫލުތަކުގެ ބެޖު ވިޔަފާރީގެ ބޭނުމުގައްޔާއި އެނޫންވެސް ކަންކަމުގައި ބޭނުން ކުރަމުން އަންނަ ކަން ފަހަގަވެފައިވާ ކަމަށެވެ. އެގޮތުން ސްކޫލުތައް އަލުން ހުޅުވާލުމުން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު ބޭނުން ކުރުމަށް ތައްޔާރު ކުރަމުްނދާ ފޭސް މާސްކްތަކުގައި ބައެއް ސްކޫލުތަކުގެ ބެޖު ޖަހައިގެން ވިއްކަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ވަނީ ހުއްދަ ނެތި ސްކޫލެްގެ ބެޖު ވިޔަފާރިއާއި އެ ނޫން ވެސް ކަންކމުގައި އަމިއްލަ ފަރާތްތަކުން ބޭނުން ނުކުރޖމަށް އިލްތިމާސްކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވާއިރު، ދަރިވަރުން ސްކޫލަށް ދާއިރު އަޅަން ވާނީ އެއްވެސް ލޯގޯ އެއް ޖެހި މާސްކެއް ނޫން ކަމަށް ބައެއް ސްކޫލުތަކުން މިހާރު ވަނީ އަންގާފައެވެ.

މީގެ އިތުރުން، ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވާލާއިރު ޓީޗަރުންނާއި، ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ސްކޫލުގެ ގޯތި ތެރެއަށް ވަދެވޭނީ މާސްކު އަޅައިގެން ކަމަށެވެ. އަދި ދަރިވަރުން މާސްކު އަޅާއިރު އެ މާސްކް އަކީ ޔުނީފޯމްގެ ބައެއްގެ ގޮތުގައި ބައްލަވާނެ ކަމަށެވެ.

ދެ ވައްތަރެއްގެ މާސްކު ބޭނުންކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އެއީ ސާޖިކަލް މާސްކު ނުވަތަ ފޮތި މާސްކެވެ. ޑރ. އައިޝަތު އަލީ ބާރުއަޅުއްވަނީ ދަރިވަރުން ފޮތި މާސްކު ބޭނުން ކުރުމަށެވެ. އަދި ފޮތި މާސްކް ދަރިވަރުންނާއި ބެލެނިވެރިން ތައްޔާރު ކުރާގޮތަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ ގޮތުން ކޮންމެ ސްކޫލަކަށް ވެސް ފޮތި މާސްކް ތައްޔާރު ކުރާނެ ގޮތުގެ ތަފްސީލް ހަވާލުކޮށްފައި މިހާރު ވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.